މަސައްކަތުގެ އަގުގެ ގޮތުގައި 2.6 މިލިއަން އެމެރިކާ ޑޮލަރު (40.9 މިލިއަން ދިވެހި ރުފިޔާ) ހޯދަން 12 އަހަރުފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ކާމިޔާބު ނުވެ ނިމިއްޖެއެވެ.
މި މައްސަލައަކީ އދ. މާމިގިލި/ އިޓަލީ، އުސާމަތު އަބްދުލްހަންނާން، ކ. މެދުފިނޮޅުގައި ހިންގާ، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ކޯސްޓަލް ޕްރޮޓެކްޝަންގެ ގިނަ މަސައްކަތްތަކެއް ކުރުވުމަށްފަހު އެ މަސައްކަތުގެ އަގު ދީފައިނުވާ ކަމަށް ބުނެ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އެދި ރީތިރަށް ރިސޯޓުގެ މައްޗަށް އޮކްޓޯބަރު 30، 2016 ގައި ސިވިލް ކޯޓުގައި ދައުވާކުރި މައްސަލައެކެވެ.
އެ ދައުވާގައި އެދިފައިވަނީ ދައުވާ ކުރުމާ ހަމައަށް ބިލުކޮށް ނުލިބި ހުރި 143،000 އެމެރިކާ ޑޮލަރާއި ބިލު ނުކުރެވި ހުރި މަސައްކަތްތަކަށް ލިބެންޖެހޭ 2.5 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 2.6 އެމެރިކާ ޑޮލަރު ޝަރީއަތް މެދުވެރިކޮށް އެކީ އެއް ފަހަރާ ނަގައި ދިނުމަށެވެ.
އެ މައްސަލަ ބެލުމަށްފަހު ޖުލައި 5، 2017ގައި ސިވިލް ކޯޓުން ހުކުމްކުރީ ކުންފުންޏާބެހޭ ގާނޫނަށް ރިއާޔަތްކޮށް، ދައުވާކުރާ ފަރާތުގެ ހައްގެއް އޮތް ނަމަ، އެ ހައްގު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް 12 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވުމުން، ދައުވާކުރުމުގެ ހައްގު ލިބިދީފައިނުވާ ކަމަށެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ ރީތިރަށް ރިސޯޓުގައި އަބްދުލްހަންނާންގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަކީ، އޭނާގެ ފަރާތުން އެރަށުގައި ކޮށްފައިވާ މަސައްކަތްކަން ސާބިތުނުވާތީއެވެ.
އަދި ކުރާ މަސައްކަތަކާއި ގުޅިގެން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އެ މަސައްކަތުގެ އަގު ނުވަތަ އުޖޫރަ ހޯދުމަށް އެދި މަސައްކަތް ކުރި ފަރާތަށް އިންވޮއިސް ނުވަތަ ބިލު ހުށަހެޅުމަކީ މަސައްކަތް ކުރި ފަރާތުގެ ހައިސިއްޔަތުން ދައުވާކުރާ އަބްދުލްހާންނާންގެ ޒިންމާއެއް ކަމަށްވާއިރު، އެ މައްސަލައިގައި ހުށަހަޅާފައިވާ އިންވޮއިސް އިން އެނގޭ ގޮތުގައި މަސައްކަތްކުރި ތާރީހަކީ މީގެ 12 އަހަރު ކުރިކަން އެގެން އޮންނަ ކަމަށްވެސް ހުކުމުގައިވެއެވެ.
އެހެންކަމުން ދައުވާކުރާ ފަރާތުގެ ހައްގެއް އޮތް ނަމަ ހައްގު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް 12 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާތީ ދައުވާކުރުމުގެ ހައްގު އަބްދުލްހަންނާން ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުންޏެވެ.
އެ ހުކުމް އަބްދުލްހަންނާންގެ ފަރާތުން އޭޕްރިލް 14، 2019ގައި ހައިކޯޓަށް ހުސަހެޅިއެވެ. އެ ކޯޓަށް މައްސަލަ ހުށަހެޅީ ތިން އިސްތިއުނާފީ ނުކުތާއެކުގައެވެ. އެއީ ރީތިރަށް ރިސޯޓުގައި ކޮށްފައިވާ ކޯސްޓަލް ޕްރޮޓެކްޝަން އަދި ތޮށިލުމުގެ ހުރިހާ މަސައްކަތެއް (ދިއްދޫ ދޯންޏަކުން ޖެހި އެންމެ ތޮށިބުރިއެއް ފިޔަވައި) ރީތިރަށް ރިސޯޓުގައި ކުރީ އޭނާ ކަމަށްވާ އިރު، އެކަން ސާބިތުކޮށް ދިނުމަށް ދަށު ކޯޓަށް ހުށަހެޅި ހެކިތަކާ ގަރީނާތަކަށް ރިއާޔަތްކޮށްފައި ނުވުމެވެ.
މަދަނީ ހައްގުތައް ހޯދުމުގައި ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ނުކޮށްފި ނަމަ އެ ހައްގު ގެއްލިގެންދާ ފަދަ އެއްވެސް ގާނޫނެއް ނުވަތަ ޝަރުއީ އުސޫލެއް ގާއިމުވެފައި ނެތް އިރު، އަދި އެފަދަ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ގާއިމުކޮށްފައިވާ އާންމު އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް މައްސަލަ ނިންމުމުގައި ދަށު ކޯޓުގެ އަމަލުކޮށްފައިވާ ކަމަށްވެސް އަބްދުލްހަންނާނުގެ ފަރާތުން ހައިކޯޓުގައި ވަނީ ބުނެފައެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައި ވަނީ މަދަނީ މައްސަލަތަކުގައި ހެކިން ހާޒިރުކުރުމުގައި ކޯޓުތަކުން އަމަލުކުރާ އުސޫލާ ކަނޑައެޅިގެން ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށް އެ ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިފައެވެ. އެގޮތަށް ހުކުމް ކުރީ ސިވިލް ކޯޓުން އަބްދުލްހަންނާންއާ ދެކޮޅަށް މައްސަލަ ނިންމީ ހަމައެކަނި ދައުވާކުރުމުގެ މުއްދަތު ލަސްވެގެން ނޫން ކަމަށްވާތީ ކަމަށްވެސް ބުނެފައިވެއެވެ.
ހައިކޯޓުގެ ހުކުމުގައި ވަނީ އަބްދުލްހަންނާން ރީތިރަށް ރިސޯޓުގައި މަސައްކަތް ކޮށްފައިވަނީ ސީދާ އެ ރިސޯޓުގެ ފަރާތުން އެ މަސައްކަތްތައް އަބްދުލްހަންނާންއާ ހަވާލުކޮށްގެންކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި "ޑިސްޕިއުޓް ސެޓްލްމެންޓް އެގްރީމެންޓް" އަށާއި އެގްރީމެންޓްއާ ހަމައަށް ރީތިރަށް ރިސޯޓުގައި އަބްދުލްހަންނާން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ދީފައިވާކަން އިންވޮއިސްތަކުން ސާބިތުވާތީއާއި އިތުރު ފައިސާ ހޯދުމުގެ ހައްގު ލިބިގެންވާ މުއްދަތުގައި އަބްދުއްހަންނާން ދައުވާކޮށްފައި ނުވާތީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށްވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.