ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ށ. އަތޮޅު ޗެމްޕިއަންކަން ކަނޑިތީމުން ހޯދައިފިއެވެ.
މެޗަކުން ބަލިނުވެ ކަނޑިތީމުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 2-1 އިން މިލަންދޫ ބަލިކޮށްގެންނެވެ. މުބާރާތުގައި ށ. އަތޮޅުން އަށް ޓީމު ބައިވެރިވެފައިވުމާ އެކު އެ އަތޮޅުގެ މެޗުތައް ކުޅުނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ލީގު އުސޫލުން ދެ ގުރޫޕުގެ މެޗުތައް ކުޅެ، ފައިނަލާ ހަމައަށް ދެ ޓީމު ގޮސްފައިވާ އިރު، ރޭ ފައިނަލް ކުޅުނު ދެޓީމަށްވެސް ވަނީ ޒޯން ބުރުން ފުރުސަތު ފަހިވެފައެވެ. ރޭގެ ފައިނަލަކީ އަތޮޅު ޗެމްޕިއަން ހޮވުމަށް ކުޅުނު ފައިނަލް މެޗެވެ.
ރޭގެ ފައިނަލަށް ނުކުތް އިރު، ށ. އަތޮޅު ގުރޫޕް ސްޓޭޖުގައި ކަނޑިތީމުން ކުޅުނު ތިން މެޗުވެސް އެޓީމުން ކާމިޔާބު ކޮށްފައި އޮތީ ކޮޅަށް ގޯލެއްވެސް ވައްދާލިޔަ ނުދީއެވެ. ގުރޫޕް ސްޓޭޖުގައި ކަނޑިތީމު ވަނީ 13 ގޯލު ޖަހައިފައެވެ. އަނެއްކޮޅުން ފައިނަލަށް ނުކުތް މިލަންދޫ ގުރޫޕް ސްޓޭޖު ކާމިޔާބު ކުރީ 2019 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ކުޅުނު ށ. ގޮއިދޫވެސް ކަޓުވާލުމަށްފަހުއެވެ.
ރޭގެ ފައިނަލް މެޗު ފޯރި ގަދަކޮށް ފެނުނު އިރު، ފުރަތަމަ ގޯލު ފެނުނީ ހާފު ނިމެން މިނެޓަކަށް ވެފައި އޮއްވައެވެ. އެ ގޯލު ޖަހައި ދީފައިވަނީ ށ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިބްރާހީމް ނަދާދެވެ. ނަދާދުގެ އިތުރު ގޯލެއް ދެވަނަ ހާފުގެ ކުރީކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، މިލަންދޫން އެއްވަރު ކުރުމަށް ކުރި މަސައްކަތުގައި ޖެހި ހަމައެކަނި ގޯލު ފެނުނީ އަހުމަދު ޝާނީގެ ފަރާތުންނެވެ.
ރޭގެ ފައިނަލް މެޗަށްފަހު ކަނޑިތީމާ ތަށި ހަވާލުކޮށްދެއްވީ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭވެސް އޮންނާނެއެވެ.