އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް، އެޕާޓީން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ފަރާތްތައް ވަކި ކުރާނަމަ، އެމަނިކުފާނުވެސް ވަކިކުރެއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސް އެޕް ގްރޫޕަށް ރައީސް ނަޝީދު މިރޭ ފޮނުއްވާފައިވާ މެސެޖެއްގައި ވަނީ ރައީސް ސޯލިހު ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ބޭނުން ކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށެވެ.

"ރައީސަށް ދަންނަވަން، އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ. ވަކި ކުރާނަމަ އަޅުގަނޑުވެސް ވަކި ކުރައްވާ،" ނަޝީދު ފޮނުއްވި މެސެޖުގައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އެގޮތަށް ވިދާޅުވެފައި މިވަނީ ރ. ދުވާފަރު ސިއްހީ މަރުކަޒުގައި ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ ފަރާތެއް މިއަދު ވަކި ކުރުމާ ގުޅިގެންނެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބާ ގުޅިގެން އަނެއްކާވެސް އެޕާޓީގެ ދެ ފެކްޝަންގެ ފޯރި މިވަނީ ގަދަވެފައެވެ. ހާއްސަކޮށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދަނީ ވަރަށްވެސް ފޯރީގައެވެ.

އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބާ ދިމާކޮށްވެސް ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ދެމެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިގެން ގޮސްފައެވެ. އަނެއްކާވެސް މި އިންތިހާބާ ދިމާކޮށް ދެ ފެކްޝަންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދި، ބަހުގެ ހަމަލާތައް ރައްދުކުރަން ފަށައިފައެވެ.

އެމްޑީޕީގެ އެތެރޭގެ ފަސް މަގާމެއްގެ އިންތިހާބު އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. އެއީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމާއި، އަންހެނުން ރޫހުގެ ރައީސްކަމާއި، ނާއިބު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސްކަމުގެ މަގާމާއި، ނައިބު ރައީސް ކަމުގެ މަގާމެވެ.