ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޔޫތު މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި، ގދ. ތިނަދޫ، ޑެން، މުހައްމަދު ނާސިހު ރަޝީދު އެ މަގާމުން ވަކި ކުރައްވައި، ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ނާސިހަކީ މީގެ ކުރިން ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މިހާރު ނާސިހު ގެންދަވަނީ ބެޗެލާ އޮފް ޝަރިއާ އެންޑް ލޯ ކިޔަވާ ވިދާޅުވަމުން ކަމަށެވެ.

ނާސިހު ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތު ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމުގެ ކޯހެއް ވެސް ފުރިހަމަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ނާސިހު އައްޔަންކުރައްވާފައިވާ އިރު، އެ މަގާމުގައި ހުންނެވި އަޝްހަދު އަލީ (އަޑުބަރޭ) ވަނީ މިމަހުގެ ދެވަނަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އަޑުބަރޭ މަގާމުން ވަކިކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ކުރުމާ ގުޅިގެންނެވެ.

ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި މިވަގުތު ތިއްބެވީ ހަ ބޭފުޅުންނެވެ. އެއީ ތިން ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުންގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސްއެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 47،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.