އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެންބަރު އިންތިހާބު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލި މީހުންގެ ނަންތައް ފައިނަލްކުރުމަށްފަހު ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މާދަމާގެ ޖަލްސާގައި އޮންނާނީ އެ ނަންތައް މަޖިލީހަށް އިއްވުމާއެކު، އެބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމެވެ.

އޭސީސީއަށް އައްޔަން ކުރާ މެންބަރުން ކަނޑައަޅައި އެބޭފުޅުންގެ ނަންތައް މަޖިލީހުން ފާސްކުރާނީ، އެ ބޭފުޅުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް އެކަމާބެހޭ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހުގައެވެ.

އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

އެންމެ ފަހުން އޭސީސީގައި ތިއްބެވި މެންބަރުން އެ ކޮމިޝަނުން އިސްތިއުފާދެއްވީ، އެ ބޭފުޅުން މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެ މަސައްކަތް ފެށުމާ ގުޅިގެންނެވެ. އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ކުރި މުއްދަތު މިދިޔަ މަހުގެ 31 ވަނަ ދުވަހަށް ހަމަވެފައިވާ އިރު، 30 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފައެވެ.

އޭގެ ތެރޭގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން ކަން ކުރެއްވި، އިސްމާއިލް ޒަރިޔަންދުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވެސް ހިމެނެއެވެ. މީގެ އިތުރުން އޭސީސީގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި ކުރިން މަސައްކަތްކުރި ބައެއް މީހުން ވެސް ކޮމިޝަންގެ މެންބަރުކަމަށް ވަނީ ކުރިމަތިލައިފައެވެ.

އޭސީސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވައިފިނަމަ 60 ދުވަސް ތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އެހެންކަމުން އެ ކޮމިޝަނަށް އާ މެންބަރަކު އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ވެސް މިވަނީ ހަމަވެފައެވެ.