ޔޫކްރައިންގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން ނުފުރި ތިބި 12 ދިވެހިން ރާއްޖެ ގެނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރަޝިއާއިން ޔޫކްރެއިނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަމަލާދީ ހަނގުރާމަ ފަށާފައިވާ އިރު، އެގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިވާނޯ ފްރެންކިވްސްކްގައި ތިބި 15 ދަރިވަރަކު ހަންގޭރީއަށް ގެންގޮސް، މިއަދު ރާއްޖެ ގެންނާނެއެވެ.
ޔޫކްރެއިންގައި ބާކީ ތިބި ދިވެހިންނާ ގުޅޭ މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމެއިދު ވިދާޅުވީ، ޔޫކްރެއިންގައި މިހާރު ތިބީ 12 ދިވެހިން ކަމަށާއި އެމީހުން ތިބީ ހަންގޭރީގެ ބޯޑަރާ ވަރަށް ދުރު ހިސާބުތަކުގައި ކަމަށެވެ.
އެގޮތުން އެ މީހުން ތިބި ހިސާބުން ހަންގޭރީގެ ބޯޑަރާ ހަމައަށް ދިއުމަށް ގާތްގަނޑަކަށް 16 ގަޑިއިރު ނަގާނެ ކަމަށާއި ޓްރެފިކް ހުރި ގޮތުން ދަތުރު ދިގުވެސް ވެދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ދަތުރުކުރުމަށް ރައްކާތެރި ނޫން ކަމަށް ވިދާޅުވިއެވެ.
"ޔޫކްރެއިންގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެގައުމުގައި ހުންނަވާ އޮނަރަރީ ކޮންސުލް އިން ޔޫކްރެއިންގައި މިވަގުތު ދިގު ދަތުރެއް ކުރުމަށް ނުކުތުމީ އެހާ ރައްކާތެރިކަމެއް ގޮތުގައި ނުފެންނަ ކަމަށް. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށްވާތީ، ރައްކާތެރި ގޮތުގައި އެ ދަތުރު ކުރެވޭނެ މަގެއް ފަހިވިހާ އަވަހަކަށް ހަންގޭރީއަށް ވަނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" ހުމެއިދު ވިދާޅުވިއެވެ.
ޔޫކްރެއިންގައި 12 ދިވެހިން ތިބި ތަންތަން:
- ކިއެވްގައި ތިން ދިވެހިން
- ހަރްކީވްގައި އަށް ދިވެހިން
- ނިޕްރޯގައި އެއް ދަރިވަރަކު
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ، ޔޫކްރައިންގައި ތިބި 12 ދިވެހިންގެ އިތުރުން ރަޝިއާގައި 88 ދިވެހި ދަރިވަރުން އަދި ބެލަރޫސްގައި 137 ދިވެހި ދަރިވަރުން އެބަ ތިބި ކަމަށެވެ.
ނަމަވެސް އެކުދިންނަށް އެއްވެސް ނުރައްކާތެރި ކަމެއް އަދި ނތް ކަމަށާއި ނަމަވެސް އޭޓީއެމްތަކުން ފައިސާ ނެގުމަށް ދަތިތަކެއް އެބަހުރިކަން ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ބީއެމްއެލްއާއެކު ވާހަކަދައްކަމުންދާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު