ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މިއީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބުދުﷲ ޝަހީމް އަބްދުލް ހަކީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިމަހު 16 ވަނަ ދުވަހުއެވެ.

އެ ބިލު ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައި ބުނެފައި ވަނީ، ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުން ކަމަށެވެ. ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާއި ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު ކޮންމެ ފަނޑިޔާރަކަށް ވެސް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ޗުއްޓީގެ ގޮތުގައި އަންހެން ފަނޑިޔާރުންނަށް ލިބިދެވޭނީ ހަ މަސް ދުވަހުގެ ޗުއްޓީ ކަމަށާއި ފިރިހެން ފަނޑިޔާރުންނަށް ލިބިދެވޭނީ އެއް މަސް ދުވަހުގެ ޗުއްޓީ ކަމަަށްވެސް ބުނެފައިވެއެވެ. އެ ޗުއްޓީތަކަކީ މުސާރަ ލިބޭ ގޮތަށް ދެވޭ ޗުއްޓީތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ ޗުއްޓީގެ އިތުރުން މާބަނޑު ވުމާއި ގުޅިގެން ނުވަތަ ވިހެއުމާއި ގުޅިގެން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާ އިރު، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ހައްގުވެފައިވާ ފަނޑިޔާރަކުވާ ނަމަ، އެ ފަނޑިޔާރަކަށް ޗުއްޓީ ދިނުމުގައި އަމަލު ކުރާނީ މި ގާނޫނުގައި ކަނޑައަޅާ އުސޫލުގެ ދަށުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ވިހެއުމާ ގުޅިގެން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ ދިނުމާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެނުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.