އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. ވެލެންސިއާ އިން މި މެޗަށް ނުކުތީ ގްރީން ސްޓްރީޓްސް އަތުން މިދިޔަ ހަފުތާގައި ވި ބަލި ހަނދާން ނައްތައިލުމަށެވެ. ގްރީން އަތުން މިދިޔަ ހަފުތާގައި ވެލެންސިއާ ބަލިވީ އޭގެ ކުރިން ކުޅުނު ނުވަ މެޗުންވެސް މޮޅުވެފައި އޮތުމަށްފަހުއެވެ.

މިއަދުގެ މެޗުން މޮޅުވެ، ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ވެލެންސިއާ މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. ދަ ގްރާންޑޭއިންވެސް ލީގުގައި ތިން މެޗު ކުޅުނު އިރު، އެޓީމަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. މިވަގުތު ހަތްވަނައިގައި އޮތް ދަ ގްރާންޑޭއަށް ލިބިފައި ވަނީ ޕޮއިންޓެކެވެ.

މިއަދުގެ މެޗަށްވެސް ވެލެންސިއާއިން ނުކުތީ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލްގައި އަނިޔާވި ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އަދި މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ވެސް ނުލައެވެ. އެ ތިން ކުޅުންތެރިންވެސް ތިބީ އަނިޔާގައެވެ. އަނެއްކޮޅުން ދަ ގްރާންޑޭގެ މުހިއްމު ލަންކާ ފޯވަޑް، މުހައްމަދު އާކިބްވެސް އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ކުޅެފައެއް ނުވެއެވެ.

މެޗުގެ 25 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު) ވެލެންސިއާއަށް ލީޑު ނަގައިދިނެވެ. އޭރިއާބޭރުން ޔާނު ޖެހި ބޯޅަ ދަ ގްރާންޑޭގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ތިރިތރިން ގޮސް ވަނީ ގޯލުގެ ކަނަށެވެ. ޔާނު މި ސީޒަނަށް ވެލެންސިއާއަށް ބަދަލުވެ، މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް ތަފާތު މޮޅަށް ކުޅެފައިވެއެވެ.

ފުރަތަމަ ހާފުގައި ދަ ގްރާންޑޭގެ ފަރާތުންވެސް ހަމަލާތައް ފެނުނު ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. އެޓީމުގެ އެންމެ ނުރައްކާތެރި ހަމަލާ ޖަޕާން މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ފޮނުވާލި ހިލޭޖެހުމަކުން ފެނުނު އިރު، އެ ހަމަލާ މަތަކުރީ ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ.

ދެވަނަ ހާފުގައިވެސް ޔާނުއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަދި މެޗު ނިމެން ދަނިކޮށް ދަ ގްރާންޑޭގެ ލަޔާން އަހުމަދަށް އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއެވެ.