ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ ގުޅިގެން ޔޫކްރޭން ދޫކޮށް އެގައުމުން ފޭބި މީހުންގެ އަދަދު 116،000 އާ ގާތްކުރާކަމަށް އދ. ރެފިއުޖީ އޭޖެންސީ. ޔޫއެންއެޗްސީއާރް އިން ބުނެފިއެވެ.
އެ އޭޖެންސީން ހާމަކުރިގޮތުގައި ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް ގައުމު ދޫކޮށް އަވަށްޓެރި ޕޮލެންޑާއި އެހެނިހެން ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ޔޫކްރޭނުގެ ރައްޔިތުން އެތެރެވަމުންދާ އަދަދުތައް މަތިވާން ފަށާފައިވާ ކަމަށެވެ.
އެންމެ ގިނަ އަދަދަކަށް މީހުން އެތެރެވެފައިވަނީ ޕޮލެންޑަށް ކަމަށްވާއިރު ހަންގޭރީ، މޮލްޑޯވާ، ސްލޮވޭކިއާ އަދި ރޮމޭނިއާއަށް ޔޫކްރޭނުން އެތެރެވާ މީހުންގެ އަދަދުތައް މަތިވަމުން އަންނަކަމުގައި އެ އޭޖެންސީން ބުނެއެވެ.
މީގެ ކުރިން އެ އޭޖެންސީން ހާމަކުރިގޮތުގައި ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުގައި މަގުމަތިވެފައިވާ މީހުންގެ އަދަދު 160،000އާ ގާތްކުރާ ކަމަށެވެ. ޔޫއެންއެޗްސީއާރްގެ އިތުރުން ޕޮލެންޑުން ހާމަކުރި ގޮތުގައި ޔޫކްރޭނުން އެގައުމަށް އެތެރެވި މީހުންގެ އަދަދު ވަނީ 100،000 އަށްވުރެ މަތިވެގެން ގޮސްފައެވެ.
ޖެނީވާގައި ކުރިއަށް ދިޔަ އދ.ގެ ބައްދަލުވުމެއްގައި ޔޫރަޕާއި ސެންޓްރަލް އޭޝިއާ ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރު އާސިފް ހާން ވިދާޅުވީ އދ.ގެ ކުޑަކުދިންނާ ބެހޭ އޭޖެންސީން ޔޫކްރޭނުގެ ރެފިއުޖީންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ޕޮލެންޑުގައި 1-3 މިލިއަން މީހުންގެ އާބާދީގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ވަށައިގެންވާ ގައުމުތައް ހިމަނައިގެން ފަސް މިލިއަން މީހުންގެ އާބާދީއަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްލޯވޭކިއާއިން ބުނެފައިވާ ގޮތުގައި އެގައުމަށް ބުރާސްފަތި ދުވަހުން ފެށިގެން ޔޫކްރޭނު ބޯޑަރު ހުރަސްކޮށް ގިނަ އަދަދެއްގެ މީހުން އަންނަން ވަނީ ފަށައިފައެވެ. އަދި ކުއްލި ހާލަތާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ ކޮވިޑުގެ ފިޔަވަޅުތައް އުވާލައި ގިނަ ބޯޑަރުތައް ހުޅުވާލާނެކަން ހާމަކޮށްފައެވެ.
ޖަރުމަނުންވެސް އަންނަނީ ގިނަ އަދަދެއްގެ ޔޫކްރޭނުގެ ރެފިއުޖީން އަންނާނެ ކަމަށް ބަލައި ތައްޔާރުވާން ފަށައިފައެވެ. އޭގެ އިތުރުން ހަންގޭރީ އަދި ޗެކް ރިޕަބްލިކުން އަންނަނީ ޔޫކްރޭނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ