ރޫސީ ސިފައިން ޔުކްރޭނަށް އެރުމުގެ ފަހަތުގައިވާ އެއް ބޭނުމަކީ ޔުކްރޭނުގެ ވެރިކަމުން ރައީސް ލޮޑޮމީރް ޒެލެންސްކީ ދުރުކުރުން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ. އެހެންވީމާ އޭނާއަކީ ރޫސީންގެ އެންމެ ބޮޑު އެއް އަމާޒެވެ. ގާތްގަނޑަކަށް 45 މިލިޔަން މީހުންގެ އާބާދީއެއް އެކުލެވޭ ޔުކްރޭނުގެ ރިޔާސަތަށް ޒެލެންސްކީ ވަޑައިގެންނެވީ އޭގެކުރިން ސިޔާސީ އެއްވެސް ތަޖުރިބާއެއް ހޯއްދެވުމަކާ ނުލައެވެ. ކޮރަޕްޝަނާއި ފަސާދަޔާއި ބައިބައިވުމެއްގެ ތެރޭގައި ގައުމު ގެނބެމުންދިޔަ ދަނޑިވަޅެއްގައި ރައްޔިތުން އޭނާއަށް ފުރުސަތު ދިން ސަބަބަކީވެސް ކުރިން ސަރުކާރުގެ އެއްވެސް މަގާމެއް އަދާކޮށްފައި ނެތުމާއެކު ކޮރަޕްޝަނުގެ ރިކޯޑެއްވެސް ފެންނާން ނެތުމުންނެވެ.

ޒެލެންސްކީ އަކީ ކުރިން ޓީވީ އެކްޓަރެކެވެ. ކޮމޭޑިއަނެކެވެ. މާކަ ސީރިއަސް ޝަޚުސިއްޔަތެއް ނޫނެވެ. އޭނާޔާމެދު ބުނެވެނީ އެއީ ޔުކްރޭނުގެ ބިލިއަނަރެއް ކަމަށްވާ އިހޯ ކޮލޮމޮއިސްކީގެ ޚާދިމެއްކަމުގައެވެ. މީހެއްގެ އަޅަކަށްވިޔަސް އަދި ނުވިޔަސް ޔުކްރޭނުގައި 2019 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގެ ދެވަނަ ބުރުގައި ޒެލެންސްކީ ވަނީ ޖުމްލަ ވޯޓުގެ 73 އިންސައްތަ ކާމިޔާބު ކުރައްވައިފައެވެ. ޒެލެންސްކީގެ އޮތީ މައިގަޑު ދެ ވައުދެކެވެ. އެއް ވައުދަކީ ޔުކްރޭނުން ރަޝިޔާގެ ނުފޫޒު ކަނޑުވައިލުމެވެ. އަނެއް ވައުދަކީ އެ ނުފޫޒު ކަނޑުވައިލިޔަސް ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުންނާއި ރަޝިޔާ ނަސްލުގެ މީހުން ހިމާޔަތްކޮށްދިނުމެވެ.

އުމުރުން 44 އަހަރުވީ ޒެލެންސްކީ އުފަންވީ ޔުކްރޭނުގެ މެދުތެރޭގައި އޮންނަ ސަހަރެއް ކަމަށްވާ ކްރީވީގައެވެ. އެއީ މައިގަޑުގޮތެއްގައި ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުންގެ ސަހަރެކެވެ. އެހެންވީމާ ގިނަ ބަޔަކު ގަބޫލުކުރިގޮތުގައި ޒެލެންސްކީއަށް އޭނާގެ ވައުދުތައް ފުއްދޭނެއެވެ. އެކަމަށް އެންމެ އެކަށީގެންވަނީވެސް އޭނާއެވެ. ރިޔާސަތުގެ ފުރަތަމަކޮޅު ނަތީޖާތަކެއް ނެރެވޭނޭހެން ހީވިއެވެ. އެހެންނަމަވެސް ރަޝިޔާއާ ދެކޮޅު ސިޔާސަތަށް ހަރުކަށިކަން އިތުރުވާން ފެށުމުން ރަޝިޔާއިންވެސް ވަނީ ޒެލެންސްކީއާމެދު ހަމަ އެގޮތަށް މުއާމަލާތު ކުރަން ފަށައިފައެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންވެސް ގެންގުޅުއްވަން ފެއްޓެވީ ހަރުކަށިކަން ދެއްކެވުމުގެ ވިސްނުންފުޅެކެވެ.

އެއާއެކު ގުޅުންތައް ދެން ބަދަލުވަމުން ދިޔައީ ގޯހުން ގޯހަށެވެ. ރަޝިޔާއާ ދުރަށް ޔުކްރޭނު ޖެހެމުންދިޔަ ވަރަކަށް ހުޅަނގުގެ ގައުމުތަކާ ދިޔައީ ގާތްވަމުންނެވެ. ޒެލެންސްކީ ގެންދެވީ ހުޅަނގުގެ ގައުމުތަކަށް ދަތުރުކުރެއްވުން އިތުރުކުރައްވައި އިގްތިސާދީ، މާލީ އަދި އަސްކަރީ އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތްވެސް އިތުރު ކުރައްވަމުންނެވެ. ދާދި އަވަހަށް ޔުކްރޭނު ބަދަލުވެގެން ދިޔައީ ހުޅަނގުގެ މިތުރަކަށް އަދި އިރުމަތީގެ ހަތުރަކަށެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށްވީ މިމަހުގެ ސައުވީސް ވަނަ ދުވަހު ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގަތުމެވެ. އިސާހިތަކު ޔޫރަޕުގެ ގައުމެއްގައި އެންމެ ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާ ރައީސަކީ ޒެލެންސްކީ ކަމަށް ވެސް ވަނީ ވެފައެވެ.

ރަޝިޔާއިން މިހާރު ފަށާފައިވާ އަސްކަރީ އޮޕަރޭޝަނަށް އެކިގޮތްގޮތުން ފިކުރު ހިންގައިލާއިރު ޒެލެންސްކީ މަގާމުން ދުރުކޮށް ވެރިކަން ބަދަލުކުރުމަކީ މަގުސަދެކެވެ. އެކަން ރޫސީ ސަރުކާރުން ސިއްރެއް ނުކުރެއެވެ. އިންކާރެއްވެސް ނުކުރެއެވެ. ޒެލެންސްކީގެ ބަދަލުގައި ރަޝިޔާއިން ބޭނުންވާނީ ރަޝިޔާގެ މަސްލަހަތާ ދޭތެރޭ ވިސްނުން ގެންގުޅޭނެ ރަހުމަތްތެރި ސަރުކާރެކެވެ. ނޭޓޯއާ ގުޅުމުގެ ވިސްނުން ދޫކޮށްލައި މެދުމިން ސިޔާސަތެެއް ގެންގުޅޭނެ ސަރުކާރެކެވެ. ޔުކްރޭނު އޮންނަން ރަޝިޔާ ބޭނުންވާނީ ފިންލެންޑުވެސް އޮންނަ ގޮތަށް ވަކިއަތަކަށް ނުޖެހި އެންމެންގެ މަސްލަހަތަށްވެސް ރިއާޔަތްކުރާ ހިކުމަތްތެރި ގައުމެއްގެ ގޮތުގައެވެ.

ބޭނުންވާނީ އަސްކަރީގޮތުން އަވަށްޓެރީންނަށް ގޮންނުޖަހައި އިހުތިރާމްކުރުންމަތީގައި ދެމިއޮންނަ ގައުމެއްގެ ގޮތުގައެވެ. ޒެލެންސްކީއަކީ ޔުކްރޭނުގެ ރައީސްކަމަށް ވިޔަސް އޭނާގެ ސިޔާސީ ތަޖުރިބާ މަދުކަމާއި މައްސަލައިގެ ނުރައްކާތެރިކަން ބޮޑުކަން މޭރުންވުން ކުޑަކަން ފާހަގަ ކުރެވެއެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސްގެ ސިފައިން ޔުކްރޭނަށް ފޮނުވައި ރޫސީންނާ ހަނގުރާމަކުރަން އެގައުމުތަކުން ފަސްޖެހޭތީ އެކަމަށްވެސް ޒެލެންސްކީ ވަނީ ފާޑުވިދާޅުވެފައެވެ. ރަޝިޔާއާ ދެކޮޅަށް ނޭޓޯއިން ސީދާކޮށް ހަނގުރާމައެއް ފަށައިފިނަމަ ދޮރުހުޅުވިގެން އެދަނީ ތިންވަނަ ބޮޑު ހަނގުރާމަޔަށް ކަމާއި އިސާހިތަކު އެ ހަނގުރާމަ ނިއުކުލިއަރ ކުރިމަތިލުމަކަށްވެދާނެކަން ވިސްނެވުމެއް ނެތެވެ.

މިކަމަކީ ޔުކްރޭނާއި ދެންވެސް މިކަމުގައި ޝާމިލްވާ ބަޔަކާއި ކައިރީގައި ތިބިހާ ބަޔަކުވެސް ސުންނާފަތިވެ ވުޖޫދުންވެސް ފޮހެވިދާނެ ކަހަލަ ބިރުވެރި ކަމެއް ކަމުގެ ވިސްނުންފުޅެއް އަމްދުން ނެތެވެ. އެހެންވީމާ މިކަހަލަ ނުރައްކާތެރި ދަނޑިވަޅެއްގައި ހިކުމަތަތެރިކަމެއް ނެތް ކޮމެޑީ އެކްޓަރަކު ޔުކްރޭނުގެ ވެރިކަމުގައި ހުންނެވުމަށްވުރެ ހެޔޮކަން ބޮޑުގޮތަކީ ނުހުންނެވުން ކަމަށް ގަބޫލުކުރާ މީހުން ޔުކްރޭނުގައި މަދެއް ނުވާނެއެވެ. އެފަދަ މީހުންގެ ތެރެއިން ޔުކްރޭނުގެ ކަންކަން އަމިއްލަޔަށް ރާވައި ތަންފީޒުކުރެވޭ ބަޔަކު ހޮވާލައި ބާރުތައް ހަވާލުކުރުމަކީ ރޫސީންނަށް އުނދަގޫ ކަމަކަށްވެސް ނުވާނެއެވެ. އެހެންވީމާ ޔުކްރޭނު ދެން ފުރޮޅިގެންދާނީ މިމަގަށް ކަމަށް ވަރަށް ބޮޑަށް ހީކުރެވެއެވެ.