ޚަބަރު

ޕީޕީއެމްގެ ޓިކެޓުގައި ގާސިމް ވެރިކަމަށް ވާދައެއް ނުކުރައްވާނެ: ޖޭޕީ

‏ޕީޕީއެމްގެ ޓިކެޓެއްގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދައެއް ނުކުރައްވާނެ ކަމަށް ޖޭޕީން ބުނެފިއެވެ.

ޖޭޕީން މިހެން ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން ގއ. ވިލިނގިލީގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވަމުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ރައީސް ކަމަށް ހޮވަން ތާއީދު ކުރާނީ ގާސިމް އިބްރާހީމް ކަމަށް ބުނެ ބަޔަކު ވާހަކަ ދައްކާ ކަން ފާހަގަ ކުރައްވައި އެ ވާހަކަތައް ގަބޫލު ނުކުރުމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު އިއްޔެ ވިދާޅުވީ، ‏ޕީޕީއެމްގެ ޓިކެޓެއްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ވާދަ ނުކުރައްވާނެ ކަމަށާއި 2023 ވަނަ އަހަރު ޖޭޕީގެ ފަރާތުން ނެރޭ ކެންޑިޑޭޓަކީ ވެސް ޕްރޮގްރެސިވް ކޯލީޝަންގެ ބޭފުޅަކަށް ނުވާނެ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ، ޖޭޕީގެ ތާރީހުގައި ކޯލީޝަން ހަދަން އަބަދުވެސް ބޭފުޅުން އަންނާނީ އެ ޕާޓީއަށް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ހާދިސާއަށް އިޝާރާތް ކުރައްވައި އަލީ ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ފުރިހަމަ ވޯޓަކުން ބަދަލުވެގެން ދިޔައީ ގާސިމް އިބްރާހީމްގެ އެއްބާރުލުމާއެކުގައި ކަމަށެވެ. ހަމަ އެގޮތުނަށް ރައީސް ޔާމީންއަށް ވެރިކަން ލިބިވަޑައިގަތީވެސް ގާސިމް އިބްރާހިމް ތާއީދު ކުރެއްވުމުން ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު މި ރާއްޖޭގެ ރައްޔިތުން ގާސިމް އިބްރާހިމް އަށް ތާއީދު ކުރައްވާ އަދި އެ ތާއީދު އޮތް މިންވަރު ޔާމީނަށް ފެނިވަޑައިގަންނަވާލެއް ބޮޑުކަމުން ޔާމީން، ގާސިމަށް ފާޑު ވިދާޅުވަން ފެއްޓެވުމަކީ އަޅުގަނޑު ހައިރާންވާ ކަމެއްނޫން،" އަލީ ސޯލިހު ވިދާޅުވިއެވެ.

ޕީޕީއެމްދޫކޮށް ޖޭޕީއާ ގުޅުނު މެމްބަރުންނަށް ރައީސް ޔާމީން ފާޑުވިދާޅުވެފައިވާތީ، އެކަމަށް ރައްދު ދެއްވަމުން އަލީ ސޯލިހު ވިދާޅުވީ ރައީސް ޔާމީން ދޫކުރައްވައި ޖޭޕީއާ ގުޅުނު މެމްބަރުންގެ ކޮލިޓީ އެނގިވަޑައިގެން ހުންނަވައި އެބޭފުޅުންނަށް ފާޑު ވިދާޅުވުމަކީ ހައިރާންވާވަރު ކަމެއްނޫން، ކަމަށެވެ.

ޖޭޕީއަށް ގުޅުމަށް ފަހުން އެބޭފުޅުން މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ. އަދި މިނިވަން ކަމާއެކު ހިންގުމުގެ ދާއިރާގައި ބަސްބުނެ ކަންކުރަން ޖޭޕީގައި ފުރުސަތު އޮތުމުން އެ ބޭފުޅުން މަސައްކަތް ކުރަނީ ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށާއި ޖޭޕީ އަކީ އެންމެ ވަރުގަދަ ޕާޓީއަށް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.