ރަޝިއާ އިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޔޫކްރޭނުގެ 50،000 އަށްވުރެ ރައްޔިތުން ގައުމު ދޫކޮށް ގޮސްފައިވާ ކަމަށް އދ. ގެ ރެފިއުޖީ އޭޖެންސީން ބުނެފިއެވެ.
ރަޝިއާއިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޔޫކްރޭނުން ފަސް މިލިއަނަށްވުރެ ގިނަ ރެފިއުޖީން އެހެނިހެން ގައުމުތަކަށް ދަތުރުކުރަން ޖެހިދާނެކަމުގެ އިންޒާރު އދ. އިން ވަނީ ދެއްވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާއިން ޔޫކްރޭނަށް ދޭން ފަށާފައިވާ ހަމަލާތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހުޅަނގުގައި ހިނގާ އެންމެ ވަރުގަދަ ކުރިމަތިލުމެވެ. މި ހަމަލާތަކުގައި މިހާތަނަށް 198 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ޔޫކްރޭނުގެ ގިނަ ބަޔަކު ވަނީ ގައުމު ދޫކޮށް އަވަށްޓެރި ގައުމުތައް ކަމަށްވާ ޕޮލެންޑު، ރޮމޭނިއާ އަދި މޮލްޑޯވާ ފަދަ ގައުމުތަކަށް ހިޖުރަ ކުރަން ފަށައިފައެވެ.
އދ. ރެފިއުޖީ އޭޖެންސީގެ ފަރާތުން ފިިލިޕޯ ގްރާންޑީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫކްރޭނަށް ހަމަލާތައް ދޭން ފެށިތާ 48 ގަޑިއިރު ނުވަނީސް އެގައުމުގެ 50،000 މީހުން ގައުމު ދޫކޮށް އަވަށްޓެރި މޯލްޑޯވާ އަދި ޕޮލެންޑު ފަދަ ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށެވެ.
ޖެނީވާގައި ކުރިއަށް ދިޔަ އދ.ގެ ބައްދަލުވުމެއްގައި ޔޫރަޕާއި ސެންޓްރަލް އޭޝިއާ ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރު އާސިފް ހާން ވިދާޅުވީ އދ.ގެ ކުޑަކުދިންނާ ބެހޭ އޭޖެންސީން ޔޫކްރޭނުގެ ރެފިއުޖީންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ޕޮލެންޑުގައި 1-3 މިލިއަން މީހުންގެ އާބާދީގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ވަށައިގެންވާ ގައުމުތައް ހިމަނައިގެން ފަސް މިލިއަން މީހުންގެ އާބާދީއަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްލޯވޭކިއާއިން ބުނެފައިވާ ގޮތުގައި އެގައުމަށް ބުރާސްފަތި ދުވަހުން ފެށިގެން ޔޫކްރޭނު ބޯޑަރު ހުރަސްކޮށް ގިނަ އަދަދެއްގެ މީހުން އަންނަން ވަނީ ފަށައިފައެވެ. އަދި ކުއްލި ހާލަތާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ ކޮވިޑުގެ ފިޔަވަޅުތައް އުވާލައި ގިނަ ބޯޑަރުތައް ހުޅުވާލާނެކަން ހާމަކޮށްފައެވެ.
ޖަރުމަނުންވެސް އަންނަނީ ގިނަ އަދަދެއްގެ ޔޫކްރޭނުގެ ރެފިއުޖީން އަންނާނެ ކަމަށް ބަލައި ތައްޔާރުވާން ފަށައިފައެވެ. އޭގެ އިތުރުން ހަންގޭރީ އަދި ޗެކް ރިޕަބްލިކުން އަންނަނީ ޔޫކްރޭނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ