ޔޫކްރެއިންގެ ވެރިކަން ކުރާ ސިޓީ, ކިއޭވް ވެސް ބާރުގެ ދަށަށް ގެނައުމަށް ރަޝިއާގެ ސިފައިން އެ ސިޓީ ވަށާލައި, ހަމަލާތައް ދޭން ފަށައިފިއެވެ.
ޔޫކްރެއިނާއި ރަޝިއާ ދެމެދު މައްސަލަތައް ގޯސްވެ, ރަޝިއާގެ ސިފައިން ޔޫކްރެއިންގައި ހަނގުރާމަ ފެށިތާ މިހާރު ދެ ދުވަސް ވަނީ ވެފައެވެ. ބައެއް ބޮޑެތި ސިޓީތަކަށް ހަމަލާދިނުމަށްފަހު, ރަޝިއާ ސިފައިންގެ މިހާރުގެ ޓާގެޓަކީ ކިއޭވްއެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިއްޔެއިން ފެށިގެން ކިއޭވްގެ ބައެއް ސަރަހައްދުތަކުން ބަޑީގެ ހަމަލާތަކުގެ އަޑު އިވިފައިވެއެވެ. އޭގެ އިތުރުން ބައެެއް ސަރަހައްދުތަކުން ގޮވުންތަކުގެ އަޑުތަކެއް އިވިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ކިއޭވްގެ މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވިދާޅުވީ އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ މައި ސްޓޭޝަން ކައިރީ ފަސް ގޮވުމެއް ގޮވާފައިވާ ކަމަށާއި ނަމަވެސް ކަރަންޓު ކެނޑިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާ ކަމަށެވެ.
"ބައެއް ސަރަހައްދުތަކުން ބަޑީގެ ހަމަލާތަކުގެ އަޑުތަކާއި ގޮވުންތަކުގެ އަޑުތައް އިވެމުންދޭ. ހަމަލާތައް ދިނުމަށް އެމީހުން ވަނީ ކިއޭވްއަށް އަރާފައި. އެމީހުން ބޭނުންވަނީ މި ސިޓީ ނެތިކޮށްލަން," ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކިއޭވްގެ މޭޔަރު ވިދާޅުވިއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެގައުމުގެ އިރުމަތީ ސިޓީތަކަށް ވަންނަން ދިން ހަމަލާތަކުގައި ބައެއް މީހުން މަރުވެފައިވާ ކަމަށެވެ.
ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން މީގެ ކުރިން ވިދާޅުވީ ސިފައިންގެ ބާރުގެ ދަށަށް ޔޫކްރެއިން ގެންދަން ބޭނުން ނުވާ ކަމަށެވެ. އަދި ބޮޑު ލޭއޮހޮރުމަކަށް ނުދަނީސް ޔޫކްރެއިންގެ ސިފައިން އެއްފަރާތްވުމަށް ވެސް ޕުޓިން ވަނީ ގޮވާލައްވައިފައެވެ.
އެމެރިކާގެ އޮފިޝަލުން ގަބޫލުކުރާގޮތުގައި ރަޝިއާގެ ބޭނުމަކީ ޒެލެންސްކީގެ ސަރުކާރު ވައްޓާލުމެވެ. އަދި އެކަން އެނގިވަޑައިގަންނަވާކަން ޒެލެންސްކީ ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކިއޭވް ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ޔޫކްރެއިންގެ އޮފިޝަލުން ރިޕޯޓުކުރާ ގޮތުގައި އެގައުމުގެ 137 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި ރަޝިއާގެ 100 އެއްހާ ސިފައިން މަރުވެފައިވާ ކަމަށް ވެސް ޔޫކްރެއިންގެ އޮފިޝަލުން ބުނެއެވެ. ނަމަވެސް ރަޝިއާ އިން އެ ތަފްސީލުތައް ހާމަކޮށްފައެއް ނުވެއެވެ.
އދ. އިން މައުލޫމާތުދޭ ގޮތުގައި އެ ހަމަލާތަކުގައި ޔޫކްރެއިނުން 25 އާންމުން މަރުވެ, 102 މީހަކަށް ވަނީ އަނިޔާވެފައެވެ. ޔޫކްރެއިނުން ފަސް މިލިއަނަށްވުރެ ގިނަ މީހުން އެގައުމު ދޫކޮށް އެހެން ގައުމުތަކަށް ދަތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް އދ. އިން އަންދާޒާކުރެއެވެ. އަދި އޭގެ ތެރެއިން 50,000 އެއްހާ މީހުން އަވަށްޓެރި ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން ޖެހޭނެ ކަމަށް ވެސް އަންދާޒާކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ