ދުނިޔޭގެ އެންމެ ބިޔަ މަތިންދާބޯޓުގެ އަޖުމަބެލުންތަކުގެ ހަތަރުވަނަ އުދުހުން ބުރާސްފަތި ދުވަހު އެމެރިކާގެ ކެލިފޯނިޔާގައި ކުރިއަށް ގެންގޮސްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓަކަށް މިބޯޓުވަނީ އޭގައި ދެބޯޓެއްގެ ސިފަ ހުރުމާއި އެއްފިޔަގަނޑުގެ ކޮޅުން އަނެއް ފިޔަގަނޑުގެ ކޮޅަށް 385 ފޫޓު ހުރުމުންނެވެ. އެހެންވީމާ މިއީ ބޮޑު ފުޓްބޯޅަ ދަނޑެއްގެ އެއްކޮޅުން އަނެއްކޮޅަށްވުރެވެސް ބޮޑު ދިގުމިނެކެވެ. އާއްމުގޮތެއްގައި ފުޓްބޯޅަ ދަނޑެއްގައި އެއްގޯލުން އަނެއް ގޯލާއި ދެމެދުގައި ހުންނަނީ 345 ފޫޓެވެ.
އަޖުމަބެލުމުގެ އެންމެ ފަހު އުދުއްސުން ވަރަށް ކާމިޔާބު ކަމަށް އެމެރިކާއިން ބުނެއެވެ. މި ދަތުރުގައި ދެޕައިލެޓުންނާއި ފްލައިޓް އިންޖިނޭރަކު ބައިވެރިވިއިރު ވައިގެ ތެރޭގައި ގާތްގަޑަކަށް ދެގަޑިއިރު ހޭދަކުރިއެވެ. ބިމުން ފެށިގެން ގާތްގަޑަކަށް ފަނަރަހާސް ފޫޓު މައްޗަށް ވާސިލްވިއިރު ދުވެލި ގަޑިޔަކު 178 މޭލުގެ ބާރުމިނަށް ޖައްސައިލެވުނެވެ. އެކަމަކު މިއީ މިބޯޓުގެ އަސްލު ސްޕީޑަށްވުރެ މާދަށް ސްޕީޑެކެވެ. ގަޑިއަކު 530 މޭލު ބާރުމިނުގައި އުދުހުމުގެ ގާބިލްކަން މިޔަށް ލިބިގެންވެއެވެ.
ސްޓްރެޓޯލޯންޗުގެ ނަން ދެވިފައިވާ މަޝްރޫއެއްގެ ދަށުން ތައްޔާރު ކުރެވިފައިވާ މި މަތިންދާބޯޓު، ވިޔަފާރީގެ ކަންކަމުގައި އާއްމުކޮށް ބޭނުންކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ. މައިކްރޯސޮފްޓްގެ އެއް މުއައްސިސް ކަމުގައިވާ ޕޯލް އެލަން އިސްވެ ހުރެގެން މި މަޝްރޫއު ފެށީ 2011 ގައެވެ. އެންމެ ފުރަތަމަ ލަފާކުރެވިފައި އޮތީ މިކަމަށް ހޭދަވާނީ 300 މިލިޔަން ޑޮލަރު ކަމުގައެވެ. އެކަމަކު 2019 ވަނަ އަހަރާ ހަމަޔަށް އެކަނިވެސް 400 މިލިޔަން ޑޮލަރު ވަނީ ޚަރަދު ކުރެވިފައެވެ. ލޭގެ ކެންސަރު ޖެހިގެން ޕޯލް އެލަން 2018 ވަނަ އަހަރު މަރުވިޔަސް މި މަޝްރޫއު ކުރިއަށް ގެންގޮސް ނިންމަން އޭނާގެ ޕާޓްނަރުން ވަނީ ނިންމައިފައެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު