އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އާސެނަލްއިން ފަހަތުން އަރައި ވުލްވްސް ބަލިކޮށްފިއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވުލްވްސްއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް އާސެނަލްގެ ފަހު ގޯލު ފެނުނީ އެންމެ ފަހު މިނެޓުގައެވެ. އެ ގޯލަކީ އެލެކްސެންޑްރާ ލަކަޒެޓް ޖެހި ބޯޅައަކުން ވުލްވްސްގެ ގޯލްކީޕަރު ޖޯސޭ ސާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭގެ މޮޅާ އެކު ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ދެ މެޗު މަދުން ކުޅެ، އާސެނަލް ވަނީ ޔުނައިޓެޑާ ދެ ޕޮއިންޓް ގާތަށް ޖެހިލައިފައެވެ. ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 26 މެޗުން 46 ޕޮއިންޓާ އެކުއެވެ. އާސެނަލް ފަސް ވަނަ އަށް ޖެހިލީ 24 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް ހަ ވަނައިގައި މިހާރު އޮތީ 26 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ވުލްވްސް އިން ލީޑު ނެގިއެވެ. އެ ގޯލަކީ އާސެނަލްގެ ޑިފެންޑަރު ގަބްރިއެލްގެ ފަރާތުން ފެނުނު ގޯހަކުން ޖެހި ގޯލެކެވެ. ގެބްރިއެލް އަމިއްލަ ގޯލްކީޕަރު އާރޮން ރަމްސްޑޭލަށް ދޭން ފަހަތައް ޖައްސާލި ބޯޅަ މާ މަޑުން ދިއުމުން، އެ ބޯޅަ ހޯދައި ވުލްވްސްއަށް ލީޑު ނަގައިދިނީ ދެކުނު ކޮރެއާ ފޯވާޑް ހްވާން ހީ ޗާންއެވެ.

އާސެނަލް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 82 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލަށް ބޯޅަ ވައްދާލައިގެން އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި އާސެނަލް މޮޅުވި ގޯލު ފެނިގެން ގޮސްފައިވާ އިރު، ރޭގެ މޮޅާއެކު ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގު ޖާގައެއް ހޯދުމަށް އާސެނަލްއަށް ވަނީ އުންމީދު އާވެފައެވެ.