ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި މާހައުލަކަށް ގެންދަން ކައިރި ގައުމުތަކުގެ އެހީ ހޯދަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކުރެވޭނެ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ޖަރުމަނުގައި ހުރި ދިވެހި އެމްބަސީއާ ގުޅިގެން އެ ދަރިވަރުން ގެންދެވޭނެ ރައްކާތެރި މާހައުލެއް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ އެކުވެރި ގައުމުތަކާއެކު މަޝްވަރާކޮށް އެ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ލިބޭތޯ މަސައްކަތް ކުރަމުން،" މިއުވާން ވިދާޅުވިއެވެ.
މިއުވާން އިތުރަށް ވިދާޅުވީ، ޔޫކްރޭނުގެ ތިން ސިޓީގައި ތިބި ދިވެހި ދަރިވަރުން ތިބީ ހެޔޮ ހާލުގައި ކަމަށެވެ. އަދި އެ ދަރިވަރުންގެ އަތުގައި ބޭނުންކުރާނެ ވަރަށް ކާބޯތަކެއްޗާއި ފެނާއި ފައިސާ ހުރި ކަމަށްވެސް ވިދާޅުވިއެވެ.
ޔޫކްރޭންގައި 50 އަށްވުރެ ގިނަ ދިވެހިން ތިބި އިރު، ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން ކާކިވް ސިޓީގައި ތިބީ ޖުމުލަ 35 ދަރިވަރުންނެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު ރާއްޖެ އައިސްފައިވާ އިރު، ހަތަރު ދަރިވަރުން މިދިޔަ ހުކުރު ދުވަހު ވަނީ ޔޫކްރެއިނުން ފުރައިފައެވެ. އަދި ކާކިވް ސިޓީން އިތުރު 25 ދަރިވަރަކު އިއްޔެ ވަނީ ފުރައިފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ކާކިވްގައި ތިބި ފަސް ދަރިވަރުންގެ އިތުރުން ޔޫކްރޭންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނީ ފްރެންކިވްސްގައި 14 ދަރިވަރަކު އެބަތިބި ކަމަށެވެ. އަދި އެހެން ސިޓީއެއްގައި އިތުރު އެއް ދަރިވަރަކު އެބަހުރި ކަމަށާއި އެ އެންމެންވެސް ތިބީ ރައްކާތެރި ތަނެއްގައި ކަމަށް ބުންޏެވެ.
ޔޫކްރޭނާއި ރަޝިއާގެ މަޝްރަހު ހޫނުވެ، އިރުމަތީ ޔޫކްރޭންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވައި، އެ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރައީސް ލެޑިމިއަ ޕުޓިން އަމުރުކުރެއްވުމާއެކު ރަޝިއާއިން ވަނީ ޔޫކްރޭނަށް ހަމަލާތައް ދޭން ފަށައިފައެވެ.
ޚަބަރު
ޚަބަރު