"އެންމެ ފޮށިގަނޑެއް ޕިކަޕަކަށް ލައިގެން ތިން މިނެޓުން ދެވޭ ހިސާބަކަށްވެސް އެބަ ދޭންޖެހޭ 50 ރުފިޔާ. އެކަމަކު ޑިކީ އާއި އެތެރެ ފުރެންދެން ލަގެޖާއި ފޮށިގަނޑު އަރުވާފަ ހުއްޓަސް ހެންވޭރު ކޮޅުން މާފަންނު ކޮޅަށް ދާންޖެހުނަސް މި ދޭންޖެހެނީ 25 ރުފިޔާ. މިއީ އިންސާފެއް ކަމަށް ގަބޫލެއް ނުކުރެވޭ."

މިއީ މާލޭގައި ޓެކްސީ ކުރަމުން އަންނަ ގިނަ ޓެކްސީ ޑްރައިވަރުންގެ އޮތް ޝަކުވާއެކެވެ. ޓެކްސީތަކުން ނަގަންޖެހޭނެ ކަމަށް ސަރުކާރުން ކަނޑައަޅާފައި އޮންނަ އަގާމެދު އަބަދުވެސް ޑްރައިވަރުން ކަންބޮޑުވުން އޮވެއެވެ. ފަހަކަށް އައިސް މިކަންބޮޑުވުންތަކާއި ޝަކުވާގެ އަޑު މިވަނީ ގަދަވެފަ އެވެ. ހުރިހާ ޓެކްސީ ޑްރައިވަރުން މިވަނީ އެއްގަލަކަށް އަރާފަ އެވެ. އެންމެންގެ ހައްގުގައި އަޑު އުފުލުމަށް ތައްޔާރުވެފަ އެވެ.

ދެ ޑްރައިވަރަކު ކޮފީ މޭޒަކުން ފެށި މި މަޝްވަރާތައް މިހާރު ވަނީ މިނިސްޓްރީއާ ހިސާބަށް ފުޅާވެފަ އެވެ. ގިނަ ޑްރައިވަރުން މިކަމަށް އެއްބާރުލުންދީ މަޝްވަރާތަކާއި ޑިމާންޑުތައް ބޮޑުވެއްޖެ އެވެ. ހުޅުމާލޭގައި ހުންނަ ރާކަނި ބީޗު ކެފޭގައި ޑްރައިވަރުން އިއްޔެ ވަނީ "ބޮޑު" މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އެމީހުން ދެކޭ އަދި ޑިމާންޑުކުރާނެ ބޮޑެތި ނިންމުންތައްވެސް މިވަނީ ނިންމާފަ އެވެ.

މި ބައްދަލުވުންތަކުގެ ބައިވެރިޔަކު އަދި އަވަސް ރައިޑުގެ ޑްރައިވަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ މުހައްމަދު އިސްމާއިލް "ވަން" އަށް މިއަދު ބުނީ ޓެކްސީ ޑްރައިވަރުންވެސް މަސައްކަތް ކުރަނީ ކާންބޯން ކަމަށެވެ. ގޭގެ ކުއްޔާއި ދަރިންގެ ހަރަދުތައްވެސް ބަލަހައްޓަންޖެހޭނީ މިފައިސާއިން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާއިރު ޓެކްސީ ޑްރައިވަރުން ދޭ ހިދުމަތުގެ އަގަށް ބަދަލު ނުގެނެވެންވީ ސަބަބެއް ނެތް ކަމަށެވެ. ހާއްސަކޮށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމުން ސަރުކާރުން ޓެކްސީ ޑްރައިވަރުންނާ ދޭތެރޭ ވިސްނަން ޖެހޭނެ ކަމަށް އޭނާ ދެކެއެވެ.

"އަޅުގަނޑުމެންވެސް ތަކެތި ގަނެގެން އުޅެން ޖެހެނީ. މިތާނގަ ފެންވެސް މިވެރެނީ ލާރި ދީފަ. ކާބޯތަކެތީގެ އަގުތައް ދުވަހެއް ދުވަހަކަށް މިދަނީ މަތިވަމުން. އަޅުގަނޑުމެންވެސް މަސައްކަތް މިކުރަނީ ކާންބޯން. ޓެކްސީ ކޮށްގެން ލިބޭ ފައިސާއިން މި ހުރިހާ ކަމެއް ކުރަން މިޖެހެނީ. އެކަމަކު މިހާރު އަޅުގަނޑުމެންނަކަށް އެވަރަކަށް ފައިދާއެއް ނުވޭ." އޭނާ ބުންޏެވެ.

އެހެން ޑްރައިވަރަކު ބުނީ ޑްރައިވަރުންނަށް ވިއްކާ ތެލުގެ އަގު ކުޑަކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަންވެސް ސަރުކާރުން ކުރަން ބޭނުން ނުވާކަމަށެވެ.

ޓެކްސީތަކަށް ވިއްކާ ތެލުގެ އަގު ކުޑަކުރުމަށް އެކި މޭޒު ދޮށުގައި މަޝްވަރާ ކުރި ނަމަވެސް މިކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅާފައެއް ނުވެ އެވެ.

ރާއްޖޭގައި މީޓަރު ޓެކްސީ ތައާރަފު ކުރުމަށް ސަރުކާރުން 2019 ޖެނުއަރީ 10 ވަނަ ދުވަހު ނިންމި އެވެ. ނަމަވެސް މިއަދާ ހަމަޔަށް އައި އިރުވެސް އެކަމަށް އަމަލީ ސިފައެއް ގެނެވިފައެއް ނުވެ އެވެ.

އެދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގައި މީޓަރު ޓެކްސީ ތައާރަފުކުރަން ބޭނުންވަނީ ގިނަ ރައްޔިތުންތަކެއް އެދެމުންދާތީ ކަމަށެވެ. އަދި މިހާރު ދަތުރަކަށް ނަގާ އަގަށްވުރެ ބޮޑު އަގެއް ނުނަގާނެ ކަމަށާއި އަގުތައް އެ މިނިސްޓްރީން ކަނޑައަޅާނީ ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން 15 ޖުލައި 2019 ވަނަ ދުވަހު ބުނީ މީޓަރު ޓެކްސީ ތައާރަފުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާ ކަމަށެވެ. އަދި އަގުތައްވެސް ކަަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އަގުތައް އާންމުކުރުން ލަސްވަނީ މި އަގުތަކާ ގުޅޭ ގޮތުން ވީހާވެސް ގިނަ އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ކަމަށްވެސް އެ މިނިސްޓްރީން އޭރު ބުންޏެވެ. އަދި 2019 ވަނަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގައި މީޓަރު ޓެކްސީގެ ހިދުމަތް ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ގިނަ ޓެކްސީ ޑްރައިވަރުން ބޭނުންވަނީވެސް މީޓަރު ޓެކްސީ އެވެ. ޓެކްސީ ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަ ކޮށްފައިވާ ޒާހިރު އަހުމަދު "ވަން" އަށް މިއަދު ބުނީ މީޓަރު ޓެކްސީއަކީ ހައްލެއް ކަމަށް ބެލެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މީޓަރު ފަށާ އަގު ތިން ރުފިޔާ ނުވަތަ ފަސް ރުފިޔާ އަށް ހަދައިގެން ޑްރައިވަރުންނަށް ލިބޭނީ ގެއްލުން ކަމަށެވެ.

"މިސާލަކަށް ސަރުކާރުން ބޭނުންވަނީ ތިން ރުފިޔާ ނޫނީ ދެ ރުފިޔާ ނޫނީ ފަސް ރުފިޔާއިން މީޓަރު ފަށަން. އެކަމަކު ދެން ވިސްނާލަބައްލަވާ އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުން. ދެން އޮތީ 25 ރުފިޔާއިން ފަށަން. އެކަމަކު އޭގެންވެސް އާންމު މީހާއަށް ވާނީ ގެއްލުން. ހުޅުމާލެއަށް ނުވަތަ ފޭސް ޓޫއަށް އޭރަށް ކޮޅަކަށް 400 ނޫނީ 500 އެބަ ހަރަދުވޭ. ހުރިހާ ކަމެއް އެންމެ މީހަކަށް ފައިދާވެގެން ނުކުރެވޭނެ." އޭނާ ބުންޏެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކަށް ގުޅުމުންވެސް ފޯނަށް ޖަވާބު ދީފައި ނުވާތީ އަދި މެސެޖު ކުރުމުންވެސް މިހާތަނަށް ޖަވާބު ދީފައި ނުވާތީ މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޑްރައިވަރުންގެ މަޝްވަރާތަކަށްފަހު މީޓަރު ޓެކްސީ އަކީ މި ވަގުތަށް ރައްޔިތުންނާއި ޑްރައިވަރުންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ނިންމި އެވެ. އަދި އަންނަ ހަފުތާގެ ހޯމަ ދުވަހު މިކަން ރަސްމީކޮށް ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އެކަމުގައި އިސްކޮށް އުޅޭ ޓެކްސީ ޑްރައިވަރުން ވަނީ ބުނެފަ އެވެ.

މި ބައްދަލުވުންތަކުގައި ހަރަކާތްތެރިވާ ޔޫސުފް (ޔޫސޭ) ބުނީ މީޓަރު ސިސްޓަމަކީ ހައްލެއް ކަމަށް ޓެކްސީ ޑްރައިވަރުން ނިންމާފައިވަނީ އެއީ ވަކި ސަރަހައްދަކަށް ވަކި އަގެއް ކަނޑައެޅިފައި އޮންނާނެ ކަމަށް ވާތީ ކަމަށެވެ.

އެގޮތުން މިހާރު ބައެއް ޑްރައިވަރުން ހަދާފައިވާ ސާވޭ އިން ހެންވޭރަށް ދަތުރެއް ކުރާނަމަ އެންމެ ބޮޑު އަގަކީ 30 ރުފިޔާ ކަމަށެވެ. އަދި މާލޭގެ ރާޅުގަނޑު ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ފޭސް ޓޫގެ ޕާޕަލް ޓަވަރުތަކާ ހަމަޔަށް 110 ރުފިޔާއިން ދެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އަސްލު މީގަވެސް ދެ ކޮޅަށް ވިސްނަންޖެހޭނެ. ދެކޮޅަށްވެސް ފައިދާ ވާނެ. މިސާލަކަށް މީޓަރު މި ފަށަނީ ހަތް ރުފިޔާއިން. ވިލިނގިލީ ޓާމިނަލުން އައިޖީއެމްއެޗަށް ދާން މީހަކު ކަމަކުން ކުރެ ކަމަކާ ނުލައި ޓެކްސީއަކަށް ނާރާނެ. އެމީހަކު ވާނީ ނުކުޅެދޭ މީހަކަށް ނޫނީ މަޖުބޫރީ ހާލަތެއް އޮތް މީހަކަށް. މިހާރު ވެއްޖެއްޔާ އެމީހާ އަތުންވެސް 25 ރުފިޔާ އެތަނުން ހެންވޭރު ކޮޅަށް ދާ މީހާ އަތުންވެސް މި ނަގަނީ 25 ރުފިޔާ. އެކަމަކު މީޓަރު ހަރުކުރީމަ މިތަފާތު އަންނާނެ." އޭނާ ބުންޏެވެ.

ޔޫސުފް އިތުރަށް ބުނީ މި މަޝްވަރާތައް ޑްރާފްޓު ކުރުމަށްފަހު އިތުރު ޑްރައިވަރުންނާވެސް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އުއްމީދު ކުރަނީ މިކަމަށް ހުރިހާ ޑްރައިވަރުންވެސް އެއްބަސްވެ އަމަލީ ސިފައެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.