ރަހީނުކުރުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލައި ފޮށިގަނޑަކަށް ލައި، މޫދަށް އެއްލާލަފައި އޮތް 13 އަހަރުގެ ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ، ކ. ހިންމަފުށީ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށް އެތަނުގައި ބަންދުކުރަން ހައިކޯޓުުން ތާއީދެއް ނުކުރިއެވެ.
މި މައްސަލައަކީ އިތުރު މީހަކާ ބައިވެރިވެގެން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް، އެ ކުއްޖާގެ ނުރުހުމުގައި އެ ކުއްޖާ ތަނެއްގައި ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކޮށް މަރާލައި، އެ ކުއްޖާގެ ހަށިގަނޑު ފޮށްޓަކަށްލައި، މޫދަށް ފައްތާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށް، ޖުވެނައިލް ކޯޓުގެ އަމުރަށް ޝަރީއަތް ނިމެންދެން ކ. ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމުކޮށްފައިވާ ކުޑަކުދިންނަށް ހާއްސަ ޖަލުގައި ބަންދު ކޮށްގައި ބެހެއްޓުމަށްފަހު ގޭބަންދަށް ބަދަލު ކުރި މައްސަލައެކެވެ.
އެޖަލުގައި 17 އަހަދުގެ ކުއްޖާ ބަންދު ކޮށްފައި ވަނިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ޖަލުގެ ހާލަތު ތަހުގީގު ކުރުމަށްފަހު، އެ ޖަލަކީ ކުޑަކުދިން ބަންދުކުރުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ފާހަގަކުރިއެވެ.
އެކަމާ ގުޅިގެން އެކުއްޖާގެ ބަންދު މުރާޖައާކޮށް، އެކަންކަން އިތުރަށް ބެލި އިރު، އެ ޖަލަކީ ކުޑަކުދިން ބަންދުކުރާ ޖަލެއްގައި ހުންނަންޖެހޭ ކަމަށް ބައިނަލްއަގުވާމީ މުއާހަދާތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރި ތަނެއް ނޫން ކަމަށްވާތީ، ޝަރުތުތަކާއެކު 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރުމަށް 9 ނޮވެންބަރު 2021 ގައި ޖުވެނައިލް ކޯޓުން ނިންމިއެވެ.
އޭގެފަހުން ކ. ހިންމަފުށީގައި ކުޑަކުދިން ބަންދުކުރާނެ ޑިޓެންޝަން ސެންޓަރެއް އަލަށް ގާއިމުކުރުމާ ގުޅިގެން، ޖުވެނައިލް ކޯޓުން އެކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ނިންމި ހާލަތު ބަދަލުވެފައިވާތީ، އެ ޑިޓެންޝަން ސެންޓަރުގައި އެކުއްޖާ ބަންދުކޮށް ދިނުމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޖުވެނައިލް ކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި ޖުވެނައިލް ކޯޓުން ކަނޑައެޅީ އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރުމަށް ނިންމި ނިންމުމަށް ބަދަލު ނުގެނައުމަށެވެ. އެކަމާ ގުޅިގެން ޖުވެނައިލް ކޯޓުގެ އެ ނިންމުން ބާތިލުކުރުމަށް ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅިއެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އެކުއްޖާ ގޭގައި ބަންދު ކުރުމަށް ޖުވެނައިލް ކޯޓުން ކަނޑައެޅި ނިންމުން ބަދަލު ކުރާނެ ތަނެއް ނެތް ކަމަށެވެ. އަދި އެ ކޯޓުން ކުއްޖާގެ ބަންދު މުރާޖައާކޮށް ނިންމި ގޮތް ރަނގަޅުނޫން ކަމަށް ނުފެންނާތީ، އެ މައްސަލައިގައި ޖުވެނައިލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް އެ ހުކުމުގައި ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލައުގައި 17 އަހަރުގެ ކުއްޖާގެ އިތުރުން ދެން ހައްޔަރު ކުރީ އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން އެވެ. ޝަރީއަތް ނިމެންދެން އޭނާވެސް ހުރީ ބަންދުގައެވެ.