ކޮވިޑު ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖޭން މަރުވި މީހުންގެ ޖުމުލަ އަދަދު 293 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 97 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހަވީރު 5:15 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މިމަހު މަރުވި 17 ވަނަ މީހާއެވެ. އަދި މިއީ އައްޑޫން މިމަހު މަރުވި ދެވަނަ މީހާއެވެ.

މި މަރާއެކު ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 293 އަށް އަރައިފައެވެ. އެއީ 274 ދިވެހީންނާއި 19 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވެފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.