ޅ. ނައިފަރު އިފްތިތާހު ހިންގުން ހަރުދަނާކޮށް، އެތަނުންދޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ދިމާވެފައިވާ ދަތިތައް އަވަހަށް ހައްލުކޮށްދިނުމަށް އެދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު އެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
އެ ގަރާރު މަޖިލީހަށް ބަލައިގަތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 42 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ގަރާރުގައި، އިފްތިތާހަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން އެތަނުން ތައުލީމު ހާސިލު ކުރަމުން އަންނަ ދަތިވަރުންނަށާއި ޓީޗަރުންނާއި ހިންގުންތެރިންނަށް ދިމާވެފައިވާ ދަތިތަކާއި އެކަންކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ގަރާރުގައި ބުނެފައި ވަނީ، އެއްހާހަށްވުރެންގިނަ ދަރިވަރުން މިހާރުވެސް އެ މަދަރުސާގައި ތައުލީމު ހާސިލު ކުރަމުން އަންނަ ކަމަށެވެ.
މަދަރުސާގައި ހުރި ކަންތައްތަކުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ 18 ކަމެއް ފާހަގަކޮށް ގަރާރުގައި ބުނެފައި ވަނީ، އެކަންތައްތަކަކީ، އެ މަދަރުސާގެ ސީނިއާ މެނޭޖުމެންޓާއި ބައެއް ބެލެވެރިންނާއި ޓީޗަރުންނާއެކު ބަދަލު ކުރި ހިޔާލުތަކުގެ އަލީގައި ވަރަށް އަވަހަށް ހައްލު ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރްގީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު