ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފުހާމު (ޕެސްޓު) ބޭސްފަރުވާގެ ކަންކަން ނިމެންދެން ގޭ ބަންދަށް ބަދަލުކުރަން މިއަދު ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، އެ އޮފީހުގެ ފަރާތުން އެދުނީ ޕެސްޓު ބަންދުގައި ބަހައްޓަން ކަމަށެވެ. ނަމަވެސް އޭނާގެ ފަރާތުން ސިއްހީ ކަންތައްތަކެއް ފާހަގަ ކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށް ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އަމުރު 60 ދުވަހަށް މަޑުޖައްސާލައި 60 ދުވަހުގެ މުއްދަތަށް ޝަރުތުތަކަކާއެކު އޭނާ ގޭ ބަންދަށް ބަދަލުކުރުމަށެވެ.
ޝަފީއު ވިދާޅުވީ އެ ޝަރުތުތަކަކީ ބޭސް ފަރުވާގެ ބޭނުމަށް ނޫނީ ގެއިން ބޭރަށް ނުދިޔުން ކަމަށެވެ.
ޕެސްޓު ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި ޕެސްޓުގެ އިތުރުން ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެއީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުޢައިދު (23އ) އަދި ކ. މާލެ/މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން (23އ) އެވެ.
އެ ހަތަރު މީހުން އަދިވެސް ތިބީ ބަންދުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު