ގޭގައި އަންހެނުން އަދާކުރާ ދައުރު ފިރިހެނުން ބަލައިގަނެ، އެކަމުގައި ބައިވެރިވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

"ގެވެށި ގުޅުން" ކެންޕޭނުގެ ދަށުން ޖެންޑާ މިނިސްޓްރީން ތައްޔާރުކޮށް ނެރުނު މަޖައްލާ "ސާސްތުރަ" މިއަދު ނެރެދެއްވައި، ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ، ގޭގައި އަންހެނުން އަދާކުރާ ދައުރު ފިރެހެނުން ބަލައިގަނެ އެކަމުގައި ބައިވެރިވާންޖެހޭ ކަމަށާއި ގެވެށި ގުޅުން މުހިންމުވާ އެއް ސަބަބަކީ ހުރިހާކަމެއްވެސް ފެށެނީވެސް އަދި ނިމެނީވެސް ގެއާ ހިސާބުން ކަމުގައިވާތީ ކަމަށެވެ.

އަލަށް އެކުލަވާލާ ގާނޫނުތަކާއި ގަވައިދުތަކުންވެސް އެދެވޭ މުހިންމު ބަދަލެއް އަންނާނީ އަޑުއެހުމުގެ މުހިންމުކަމުގެ އަގުވަޒަންކުރާ، ބަދަހި ގެވެށި ގުޅުމެއްގެ ތެރެއިންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އޯގާތެރިކަމާއި އަޅައިލުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ނޫން ކަމަށާއި ގޭގައި އުޅޭ ކޮންމެ މީހެއްގެވެސް ދައުރެއް އެކަމުގައި އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ފަޒްނާ އިތުރަށް ވިދާޅުވީ، "ގެވެށި ގުޅުން" ކެމްޕޭނުގެ ސަބަބުން ގިނަބަޔަކު ހޭލުންތެރިވެ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ސާސްތުރަ" މަޖައްލާއަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރޭގައި ތައްޔާރުކުރި މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ ލިޔުންތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މައުލޫމާތު އެކުލެވޭ ލިޔުންތައް ހިމަނާފައިވެއެވެ.

މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި ޖަވާބާއި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ހިދުމަތްތަކާ ގުޅޭ މައުލޫމާތު މި މަޖައްލާގައި ހިމެނެއެވެ.