ފުޓްބޯޅަ

ޔަންގް ސްޓާ ސްޕޯޓްސް ކްލަބުގެ 16 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރައިޑާސްއަށް

ދ. މީދޫ ޔަންގް ސްޓާ ސްޕޯޓްސްގެ 16 އަހަރުން ދަށު ފުޓުބޯޅަ މުބާރާތް، "އަބްދުﷲ ސާ މެމޮރަބަލް" ކަޕްގެ ޗެމްޕިއަންކަން އެފްސީ ރައިޑާސް ހޯދައިފިއެވެ.

ޔަންގް ސްޓާއިން މީގެ ކުރިން ހަތަރު ފަހަރަކުވެސް ކާމިޔާބުކަމާއެކު ބާއްވާފައިވާ 16 އަހަރުން ދަށުގެ މުބާރާތް މިއަހަރު ވަނީ ރީބްރޭންޑް ކޮށްފައެވެ. އަރަށަށް ހާއްސަ ހިދުމަތްތަކެއް ކޮށްދެއްވި އަބްދުﷲ ރަޝީދު (އަބްދުﷲ ސާ) ނިޔާވުމާ ގުޅިގެން މިއަހަރުގެ މުބާރާތަށް ނަން ދީފައިވަނީ އޭނާގެ ހަނދާނުގައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ ތިން ޓީމަކުން ވާދަކޮށްފައިވެއެވެ. އެއީ ޗެމްޕިއަން އެފްސީ ރައިޑާސްގެ އިތުރުން ރަނަރަޕް ޓީމު އަލްފާ އެފްސީއާއި އެފް ބްލޫ ލަޔަންސްއެވެ. އިއްޔެ ހަވީރު ކުޅުނު މުބާރާތުގައި ފައިނަލް މެޗު ރައިޑާސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި ރައިޑާސްގެ ގޯލުތައް ޖަހައިދިނީ ޖޫދު އިސްމާއީލާއި ހައިކަލްއެވެ.

މުބާރާތް ނިންމުމަށްފަހު ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ދީފައިވާ އިރު، އެކިއެކި މަގާމުތަކަށްވެސް ވަނީ އިނާމު ދީފައެވެ. މުޅި މުބާރާތުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ޗެމްޕިއަން ރައިޑާސްގެ ޖޫދު އިސްމާއީލެވެ. އޭނާ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު ފޯވަޑުގެ މަގާމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

މީދޫ ޔަންގް ސްޓާ ސްޕޯޓްސްއިން އިސްނައިގައިގެން 16 އަހަރުން ދަށުގެ ކުދިންނަށް ބާއްވާ ފުޓުބޯޅަ މުބާރާތުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި ކުދިންތަކެއް ފުޓުބޯޅައިގެ މައިދާނަށް ނެރުމުގެ އިތުރުން ކުޑަކުދިންނަށް ފުޓުބޯޅައާއި ކުޅިވަރުގެ ތެރެއިން ރަނގަޅު އަހުލާގެއް ދަސްކޮށްދިނުން ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.