"ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓް"، ރާއްޖެއިން ގަބޫލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ ލަފާގެ މަތިން "ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓް"، ރާއްޖެއިން ގަބޫލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ މައްސަލަ މަޖިލީހަށް ފޮނުއްވުމުން، އެކަން އިތުރަށް ދިރާސާކުރުމަށްޓަކައި، މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވިއެވެ. އެ ކޮމިޓީން މައްސަލަ ދިރާސާކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓުގައި އެކަމަށް ހުއްދަ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ އެ ނިންމުމާ އެއްގޮތަށް އެކަމަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި، ރުހުން އޮތްކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 54 މެންބަރުންނެވެ.

ރައީސުލްހުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވަނީ، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްބަސްވުންތަކުގެ ތެރެއިން، ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) އެއްބަސްވުމަކީ، މެންބަރު ގައުމުތަކުގެ ފިކުރީ މުދާ ރައްކާތެރިކޮށްދިނުމާ ގުޅޭ ބައިނަލްއަގުވާމީ މުހިންމު އެއްބަސްވުމެއް ކަމަށެވެ.

ޓްރިޕްސްގެ އެއްބަސްވުމަށް ގެނެވުނު އިސްލާހު، "ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓް" އަކީ، ޑަބްލިއުޓީއޯގެ އެއްބަސްވުމަކަށް، އެ ޖަމިއްޔާ އުފެދުނު ފަހުން ގެނެވުނު ފުރަތަމަ އިސްލާހު ކަމަށްވެސް ބުނެފައިވެއެވެ.

ޓްރިޕްސް އެއްބަސްވުމަށް ގެނެވިފައިވާ އިސްލާހުގެ ސަބަބުން، ގައުމުތަކަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، އެފަދަ ހާއްސަ ހާލަތްތަކުގައި ބޭނުންވާ ބޭހަކީ، ޕޭޓަންޓެއް (ފިކުރީ މުދާ) އެކުލެވޭ ބޭހަކަށްވެފައި، އެ ބޭހެއް އެކަށީގެންވާ އަގެއްގައި، އެކަށީގެންވާ ވަގުތުގައި ޕޭޓަންޓު (ފިކުރީ މުދާ)ގެ ވެރިފަރާތުން ލިބޭނެ އިންތިޒާމު ހަމަނުޖެހިއްޖެނަމަ، ބޭސް އުފެއްދުމުގެ ގާބިލުކަން ނެތް ގައުމުތަކަށް ފަސޭހަ ގޮތެއްގައި މިފަދަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ބޭސް އުފެއްދުމުގެ ގާބިލުކަން ހުރި ގައުމަކުން، ޕޭޓަންޓު ކޮށްފައިވާ ބޭހެއް ޕޭޓަންޓުގެ ވެރިފަރާތުގެ ހައްގު ނުގެއްލޭނެ ފަދައިން ކޮމްޕަލްސަރީ ލައިސެންސެއްގެ ދަށުން އުފައްދައި، ބޭސް ބޭނުންވާ ގައުމަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.