މެޖޯރިޓީޕާޓީ އެދޭގޮތަށް އެކަނި ކަންކަން ކުރުމުގެ ބަދަލުގައި، ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުން މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޖޭއެސްސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގާނޫނުއަސާސީއަށް ބަދަލުގެންނަން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި، ގާނޫނުއަސާސީ އިސްލާހު ކުރުމަށް، މަޖިލިސް ރައީސްގެ އިސް ނެންގެވުމުގެމަތިން އޯލްޕާޓީޓޯކްސް ފެށުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ގޮވާލެއްވުމާ ގުޅިގެންނެވެ.
މެންބަރު ތޯރިގުގެ އިސްލާހަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ވިދާޅުވީ، އެ އިސްލާހު ބަލައި ނުގަނެ އިތުރު އިސްލާހެއް މަޖިލީހަށް ގެންނާނެ ކަމަށް މެޖޯރިީ ޕާޓީ، އެމްޑީޕީ މެންބަރުން ބުނަމުންދާ ކަމަށެވެ. އަދި ޖޭއެސްސީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވައުދެއް ނަމަވެސް އެކަމަށް ވަކި މުއްދަތެއް ދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަސީމު ވިދާޅުވީ، ގާނުނުއަސާސީއަށް ގެންނަން ޖެހޭ ބައިވަރު އިސްލާހުތައް ހުރިކަމަށް މަޖިލިސް މެންބަރުން އިއްތިފާގުވާ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސް ނަންގަވައިގެން އޯލްޕާޓީ ޓޯކްސްއަކަށް ދާން ގޮވާލައްވާ ކަމަށް ނަސީމު ވިދާޅުވިއެވެ.
ނަސީމު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި މިއަދު އެމްޑީޕީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ.
ރައީސް މައުމޫނުގެ ދައުރުގައި، އެމަނިކުފާނުގެ ބޮޑު މެޖޯރިޓީ އޮވެ، ގާނޫނުއަސާސީ އިސްލާހު ކުރީ އޭރު މަޖިލީހުގައި މަދު މެންބަރުންކޮޅެއް ތިބި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހިކުމަތްތެރިކަމާއެކު ވާހަކަ ދައްކައިގެން އެންމެނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގައި ރައީސް މައުމޫނު ދޫ ދެއްވާފައިވާކަންވެސް ނަސީމު ފާހަގަ ކުރެއްވިއެވެ.
ނަސީމު ވިދާޅުވީ މިއަދު މަޖިލީހުގައި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް އިރު، ގާނޫނުއަސާސީއަށް އިސްލާހު ގެންނާނީ އެންމެންގެ ހިޔާލާ އެއްގޮތަށް ދޫދެއްވައިގެން ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ކުރެވުނު ތަޖުރިބާއާއެކު ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ މަޖިލިސް މެންބަރުންގެ ޒިންމާއެއް ކަމަށާއި، ލަސްނުކޮށް އޯލްޕާޓީޓޯކްސް ފެށިއްޖެނަމަ މައްސަލައެއް ނުޖެހި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެކަން ނިމި 2023 ގެކުރިން އެ އިސްލާހުތައް ގާނޫނުއަސާސީއަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ނަސީމުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް އެބަހުރި ކަމަށެވެ. އެ އިސްލާހުތައް ގެނައުމުގައި ހަމައެކަނި މެޖޯރިޓީ ޕާޓީ އެދޭ ގޮތަށް ކަންތައް ގެންދިއުުމުގެ ބަދަލުުގައި ބުއްދިވެރި ގޮތަކީ ހުރިހާ ޕާޓީތަކަށް އެއްބަސް ވެވޭ ގޮތަކަށް އެމަސައްކަތް ކުރިއަށް ގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ އެމަސައްކަތް ކުރިއަށްދާއިރު އެކަން ހިނގައިގެން ދާނީ އެގޮތަށް،" ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅޭގޮތުން މަސައްކަތް ކުރިއށްގެންދާނެ ގޮތުގެ ތާވަލެއް އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލާފައިވާ ކަމަށާއި، އެ ތާވަލަށް ބަލައި އެކަމުގައި އެހެން ޕާޓީތަކުން ދެކޭގޮތް ބެލުމަކީ މުހިއްމު ބޭނުންތެރިކަމެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް