ކުޅިވަރު

ވިލްފްގެ ހެޓްރިކާއެކު ނޭކުރެންދުއަށް މޮޅެއް، ދެވަނަ މޮޅާއެކު ފޯކައިދޫއާއި ހޯރަފުށިވެސް އުންމީދު ބޮޑުކޮށް

މުޙައްމަދު ޝަމްޢޫން

ރާއްޖެގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުގައި ހދ. އަތޮޅު ގްރޫޕް އެކެއްގައި ނޭކުރެންދޫން ކުމުންދޫ ބަލިކުރި އިރު، ށ. އަތޮޅު ގްރޫޕް އެކެއްގައި ފޯކައިދޫން ދެވަނަ މޮޅު ހޯދައިފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ފުރަތަމަ ކުޅެމުން އަންނަނީ ހދ، ހއ އަދި ށ. އަތޮޅުގެ މެޗުތަކެވެ. އޭގެން ކޮންމެ އަތޮޅެއްގައިވެސް ހަ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވުމުން މެޗުތައް ކުޅެމުން އަންނަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ އަތޮޅަކުންވެސް ދެޓީމު ޒޯން ބުރަށްދާ އިރު، ރޭ ކުޅުނީ ތިން އަތޮޅުގެވެސް، ގްރޫޕް އެކެއްގެ މެޗުތަކެވެ.

ރޭ ޖުމުލަ ހަ މެޗު ކުޅެފައިވާ އިރު، ހދ. އަތޮޅު ގްރޫޕް އެކެއްގެ ދެމެޗު ކުޅެފައިވެއެވެ. އެގޮތުން ނައިވާދޫން 3-1 ގެ ނަތީޖާއަކުން ފިނޭ ބަލިކުރި އިރު، މުހައްމަދު ވިލްފްގެ ހެޓްރިކާއެކު ނޭކުރެންދޫން ވަނީ 4-1 އިން ކުމުންދޫ ބަލިކޮށްފައެވެ.

ނައިވާދޫން ފިނޭއާ ދެކޮޅަށް ނުކުތް މެޗުގައި ނައިވާދޫގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) ކުޅެފައެއް ނުވެއެވެ. ޝާއްޕެއާ ނުލައި ރޭ ކުޅުނު ނައިވާދޫގެ ގޯލުތައް ޖަހައިދިނީ ނަސީމްގެ އިތުރުން އަބްދުﷲ ހަމީދެވެ. މެޗުގައި ނަސީމް ދެ ގޯލު ޖެހި އިރު، ފިނޭގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އާނިމް އެވެ.

ނޭކުރެންދޫން ރޭ ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ކެޕްޓަން ވިލްފް ޖެހި އިރު، އަނެއް ގޯލު ޖެހީ މުހައްމަދު ފަރުހާން (ފަރުއްކޮ) އެވެ. ކުމުންދޫގެ ހަމައެކަނި ގޯލު ޖެހީ އާސިމް އަލީ އެވެ.

ހދ. އަތޮޅުގެ ގްރޫޕް އެކެއްގެ އެއްވަނައިގައި މިވަގުތު ނޭކުރެންދޫ އޮތީ ހަތަރު ޕޮއިންޓާއެކު ފައިދާ ތިން ގޯލުންނެވެ. ދެވަނައިގައި އޮތް ނައިވާދުއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ނޭކުރެންދޫގެ ފަހަތުގައި އޮތީ ފައިދާ ދެ ގޯލާއެކުގައެވެ. ގްރޫޕްގައި ކޮންމެ ޓީމަކަށްވެސް މެޗެއް ދެން އޮތް އިރު، ނައިވާދޫ ދެން ކުޅެން ޖެހޭނީ ކުމުންދުއާ ދެކޮޅަށެވެ. ނޭކުރެންދޫ ދެން ނުކުންނާނީ ފިނޭއާ ދެކޮޅަށެވެ.

ހއ. އަތޮޅުގެ ގްރޫޕް އެކެއްގައިވެސް ރޭ ދެމެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ވަށަފަރުން ދިއްދޫ ބަލިކުރި އިރު، ހޯރަފުށިން މާރަންދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ގްރޫޕް އެކެއްގައި ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދައި ހޯރަފުށި ފައިނަލްގެ އުންމީދު ބޮޑުކޮށް އޮތް އިރު، ގްރޫޕްގެ ދެވަނައިގައި އޮތީ ދިއްދުއެވެ. އަދި ތިންވަނައިގައި ވަށަފަރު އޮތް އިރު، ދިއްދުއާ ވަށަފަރަށްވެސް ދެމެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ދެވަނައިގައި ދިއްދޫ އޮތީ ފައިދާ ގޯލު ތަފާތުންނެވެ.

ގްރޫޕުގެ ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، ހޯރަފުށިން ދެން ކުޅޭނީ ދިއްދޫއާ ދެކޮޅަށެވެ. މާރަންދޫ ފަހު މެޗުގައި ނުކުންނާނީ ވަށަފަރާ ދެކޮޅަށެވެ.

ހޯރަފުށިން ރޭގެ މެޗަށް ނުކުތީ ވެލެންސިއާގެ ތަރި އަބްދުﷲ ޔާމީން (ޔާން) ނުލައެވެ. މެޗުގައި ގޯލެއް ޖަހަން ހޯރަފުއްޓަށް އުނދަގޫވި އިރު، ހަމައެކަނި ގޯލު ފެނުނީ މެޗު ނިމެން ދެ މިނެޓެއް ވެފައި ހުއްޓާ އަލީ ޒިޔާދު މުހައްމަދުގެ ފަރާތުންނެވެ.

ވަށަފަރުން ދިއްދޫ ބަލިކުރި މެޗުގައި ވަށަފަރުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް ސަނޫނާއި އަބްދުﷲ ސިނާނެވެ. ދިއްދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ ތައުމީން ނޫހެވެ.

ށ. އަތޮޅުގެ ގްރޫޕް އެކެއްގައި ރޭ ފޯކައިދޫ ހޯދި މޮޅަކީ 6-2 ގެ ނަތީޖާއަކުން ބިލެއްފަހި ބަލިކޮށްގެން ހޯދި މޮޅެކެވެ. އެ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި މިލަންދުއާއި ކަނޑިތީމު ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.

ރޭގެ ނަތީޖާއާއެކު މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ފޯކައިދޫ ވަނީ ފައިނަލަށް އުންމީދު ބޮޑު ކޮށްފައެވެ. ގްރޫޕްގެ އެއްވަނައިގައި ފޯކައިދޫ އޮތީ ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު މިލަންދޫ އޮތް އިރު، ދެން ބާކީ އޮތީ ގްރޫޕްގެ ފަހު ދެމެޗެވެ. ފަހު މެޗުތަކުގައި ފޯކައިދޫން ނުކުންނާނީ މިލަންދުއާ ދެކޮޅަށެވެ. ކަނޑިތީމުން ނުކުންނާނީ ބިލެތްފައްސާ ދެކޮޅަށެވެ.

ރޭ ފޯކައިދުއަށް ގޯލުތައް ޖަހައިދިނީ ނަދީމް ނަވާޒާއި މުހައްމަދު ރިސްވާން (ފުކޭ)ގެ އިތުރުން އިބްރާހީމް މުޝީރް އަދި ހުސައިން ނަބީހެވެ. އޭގެ ތެރެއިން މުޝީރާއި ފުކޭ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ބިލެއްފަހީގެ ދެ ގޯލު ޖަހައިދިނީ އަބްދުﷲ ހަމީދުގެ އިތުރުން އާދަމް ހަލީމެވެ.

މުބާރާތުގައި މިރޭވެސް ހަ މެޗު އޮންނާނެއެވެ. މިރޭ ކުޅޭނީ ހދ، ހއ އަދި ށ. އަތޮޅު ގްރޫޕް ދޭއްގެ މެޗުތަކެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ. މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

މުބާރާތުގެ އަތޮޅު ބުރުގައި މިރޭ ކުޅޭ މެޗުތައް

  • ހދ. އަތޮޅު (ގްރޫޕް 2)

20:15 ވައިކަރަދޫ - މަކުނުދޫ
21:15 ކުޅުދުއްފުށި - ނެއްލައިދޫ

ހއ. އަތޮޅު (ގްރޫޕް 2)

22:15 އިހަވަންދޫ - ކެލާ
22:15 ބާރަށް - މުރައިދޫ

ށ. އަތޮޅު (ގްރޫޕް 2)

20:15 ކަނޑިތީމް - ގޮއިދޫ
21:15 މަރޮށި - ފީވަށް