ދިރާގުން ދުނިޔޭގެ ވަރުގަދަ މުވާސަލާތީ އަދި ޓެކްނޮލިޖީ 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާ ގުޅި ރާއްޖެ ސީމީވީ6 ސަމްބެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތް އަމަލީގޮތުން ފަށައިފިއެވެ.
ދިރާގުން މިއަދު ބުނީ، ދެކުނު އޭޝިއާއިން ފެށިގެން އިންޑިއާ، މެދުއިރުމަތީ އަދި ހުޅަނގު ޔޫރަޕާ ގުޅާލެވޭ އެ ހައިސްޕީޑު ސަމްބެރިން ކޭބަލް ސިސްޓަމްއާ ރާއްޖެ ހިމެނޭގޮތަށް 11 ގައުމެއް ގުޅާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސިންގަޕޫރުން ފެށިގެން ފްރާންސްއާ ހަމައަށް ގުޅާލެވޭ އެ ކޭބަލް ސިސްޓަމް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިމޭނެކަމަށް ދިރާގުން ބުންޏެވެ.
ދިގުމިނުގައި 19،200 ކިލޯމީޓަރު ހުންނަ އެ ސަމްބެރިން ކޭބަލަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސްގެ ސްޕީޑު ޓްރާންސްމިޓު ކުރެވޭނެ ވަރުގެ ސަބްމެރިން ކޭބަލެއް ސިސްޓަމެއް ކަމަށް ދިރާގުން ބުންޏެވެ. އަދި އެ ކޭބަލުގެ ސަބަބުން ދެކުނު އޭޝިއާ އާއި ޔޫރަޕުގެ އިންޓަނެޓު އެކްސްޗޭންޖުތަކަށް ދިރާގުގެ ނެޓްވޯކު ސިދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެ މަޝްރޫއުގެ ސަބަބުން ވިޔަފާރިތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ފެންވަރެއްގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުން އަންނަ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި އެ އިންވެސްޓުމެންޓުގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ސީމީވީ6 ސަމްބެރިން ކޭބަލް ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލުތަކަށާއި ސީދާ ގުޅުވާލުމުގެ ސަބަބުން އިންޓަނެޓުގެ ސްޕީޑާއި ހަރަދުތައް ކުޑަކުރެވި އަގުތަކަށް ހެޔޮ ބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަދު ވަނީ ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ބިލިއަނަރު، މުކޭޝް އަމްބާނީގެ ކުންފުންޏެއް ކަމަށްވާ ރިލިއަޔަންސް ޖިއޯ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ. އެ މަޝްރޫއުގައި ރާއްޖެ ތަމްސީލު ކުރާނީ، ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ އޯޝަން ކަނެކްޓު މޯލްޑިވްސް އިންނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ސަރުކާރުން ފެށި އެ މަޝްރޫއަކީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކާ ސަރުކާރުން ވާދަކުރުމުގެ ނިޔަތުގައި ފެށި މަޝްރޫއެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު