ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މާދަމާ ޕޮލިސް ބޯޑަށް ހާޒިރުކުރަން ނިންމައިފިއެވެ.
މާދަމާ މެންދުރުފަހު 2:00 އަށް ސީޕީ ހާޒިރު ކުރަނީ ކޮން މައްސަލައެއްގެ ތަހުގީގެއް ކަމެއް ނޭނގެއެވެ.
ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި "މީޑިއާ އިވެންޓް" ގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، އޭނާ ޕޮލިސް ބޯޑަށް ހާޒިރުކުރަނީ ދާދިފަހުން މާލެ ސަރަހައްދުގައާއި ކައިރި އަތޮޅެއްގައި ފުލުހުން ހިންގި އޮޕަރޭޝަނަކާ ގުޅިގެން ފުލުހަކު އިޖުރާއަތެއް ގޯސްކޮށް ހިންގީ، ނުރަނގަޅު ނިޔަތެއްގައި ކަމަށް ދައުލަތުގެ ބައެއް މުއައްސަސާތަކަށް ޝައްކު ކުރެވިގެން ކަމަށެވެ.
ސީޕީ ވިދާޅުވީ، އެއީ ދިވެހި ދައުލަތުގެ ތެރޭގައި ޖަވާބުދާރީވުމުގެ ނިޒާމު މިއަދު ހަރުދަނާވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ފުލުހުން ގޯސްކޮށް ކަމެއް ކޮށްގެން އެކަމާ ގުޅޭ ގޮތުން ޖަވާބުދާރީ ކުރުވުމަށް އެކި ތަންތަނަށް ހާޒިރުކޮށް، އެކަމާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ޖާގަ މިއަދު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
މިއީ ޑިސެމްބަރު 2020ގައި އަމަލުކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން، ސީޕީ ޕޮލިސް ބޯޑަށް ގެންދާ ފުރަތަމަ ފަހަރެވެ.
ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވާ ގޮތުން، ފުލުހުންގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތަކީ ޕޮލިސް ބޯޑެވެ. އަދި ފުލުހުންގެ ކަންކަމާ މެދު އެ ބޯޑަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ސީދާ ކޮމިޝަނާ އޮފް ޕޮލިސް އެވެ.
ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު