ސައުދީ އަރަބިއްޔާއިން އަންނަނީ އެގައުމުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަމުންނެވެ. އަންހެނުންނަށް ހާއްސަ ފުރުސަތުތަކެއްވެސް ދެމުން އަންނައިރު، ކުޅިވަރުގެ ތެރެއިންވެސް ސައުދީ އަންހެނުންނަށް އަންނަނީ ތަފާތު ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ. އަންހެން ގައުމީ ޓީމުތަކަށްވެސް ކުޅިވަރުގެ ފުރުސަތު ފަހިކޮށްދިނުމުގެ ހާއްސަ މަސައްކަތްތަކެއް އެގައުމުގެ ސަރުކާރުން ކުރަމުން އަންނައިރު، ފުޓުބޯޅައިގައި ފުރަތަމަ ރަސްމީ މެޗެއް ކުޅުނީ ރޭ ރާއްޖޭގައެވެ.
ރާއްޖެއާއި ސައުދީގެ އިތުރުން ސީޝެލްސް އަންހެން ޓީމުތަކުން ރާއްޖޭގައި ކުޅެމުން އަންނަ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ރޭ ސައުދީން ސީޝެލްސްއާ ދެކޮޅަށް ގައުމީ ދަނޑުގައި ކުޅުނު މެޗަކީ ފީފާގެ އެކުވެރިކަމުގެ މެޗުތަކުގައި ހިމެނިގެން އެގައުމުގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗު 2-0 އިން ސައުދީން ކާމިޔާބު ކުރި އިރު، އެޓީމުގެ ގޯލުތައް ޖެހީ އަލްބަންދާރީ މުބާރާކު އަބްދުﷲއާއި މަރިއަމް އަލްތަމޭމީއެވެ. ރޭގެ މެޗަށް ރާއްޖޭގެ މީޑިއާތަކުގެ ފޮޓޯގްރަފަރުންނާއި ވީޑިއޯ ގްރަފަރުން ނުވެއްދި ނަމަވެސް ސައުދީ ފެޑަރޭޝަނުން ވަނީ ބައެއް ފޮޓޯތައް އާންމު ކޮށްފައެވެ.
ސައުދީގެ އެ މެޗަށް ދުނިޔޭގެ ފުޓުބޯޅަ ލެޖެންޑް، ބްރެޒިލްގެ ޕެލޭވެސް ވަނީ މަރުހަބާ ކިޔައިފައެވެ. ޕެލޭ ބުނެފައި ވަނީ ސައުދީ އަންހެން ޓީމުގެ ފުރަތަމަ ފީފާ މެޗަށް މަރުހަބާ ކިޔައި ކަމަށާއި، އެ މެޗަކީ އެގައުމުގެ ފުޓުބޯޅައަށް ތާރީހީ މެޗެއް ކަމަށެވެ. ޕެލޭގެ އެ މެސެޖަށް ސައުދީ ފުޓުބޯޅަ އިދާރާގެ ރައީސް ޔާސިރު މިސެހަލް ވަނީ ޝުކުރު އަދާކޮށްފައެވެ. ޔާސިރު ވިދާޅުވީ ޕެލޭއަކީ ފުޓުބޯޅައިގެ އިތުރުން އިންސާނިއްޔަތުކަމުގެ ނަމޫނާ "އައިކަން" އެއް ކަމަށާއި، ސައުދީ ފުޓުބޯޅައަށް ހޯދޭ ކުރިއެރުންތަކަށް އެފަދަ މީހުންގެ ތައުރީފު ލިބުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.
ސައުދީން ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ. ރާއްޖެއިން މިހާތަނަށް ސީޝެލްސްއާ ދެކޮޅަށް ދެމެޗު ކުޅުނު އިރު، ފުރަތަމަ މެޗުގައި މޮޅުވީ ރާއްޖެއެވެ. އަނެއް މެޗުގައި ބޮޑު ތަފާތަކުން ސީޝެލްސް މޮޅުވި އިރު، އެއީ ސީޝެލްސްގެ އަންހެން ފުޓުބޯޅަ ތާރީހުގައި ހޯދި ފުރަތަމަ މޮޅެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު