މޭވާ އަޅާ 500 ގަސް ހޯދަން މާލޭސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "އެއް ލައްކަ ގަސް" ޕްރޮގްރާމުގެ ދަށުން 180 ކަދުރު ރުއް އަދި 320 އެހެނިހެން މޭވާ އަޅާ ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެހެން ކަމުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މިކަމުގެ މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުން އަންނަ ބުދަ ދުވަހުގެ މެންދުރު ކުރި 11:00ގައި އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނުގައި އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.