ޅ. ކުރެންދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެރަށުގައި ފްލެޓު އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުރެންދުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަމަށް މި ސަރުކާރުން ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި 14 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން އެއްް ރަށަކީ ކުރެންދޫ ކަމަށެވެ. ކުރެންދޫގެ ބިން ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރެންދޫގައި އަޅަން ޖެހޭނީ ބުރިބުރިއަށް ފްލެޓު ކަމަށެވެ.
އަތޮޅުތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން 14 ރަށެއްގައި 1575 ހައުސިން ޔުނިޓެއްގެ މަސައްކަތް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ފަށައިގެން ކުރިއަށްގެންދާ ކަމަށް ރައީސް ވަނީ އިއްޔެ ވިދާޅުވެފައެވެ. އޭގެ ތެެރެއިން އަށް ރަށެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް 970 ފުލެޓުގެ މަސައްކަތް ޓެންޑާ ކޮށްފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.
"މިއަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަޝްރޫއު އިއުލާނު ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށާއި އެ މަޝްރޫއު ނިމޭއިރު ކުރެންދޫގައި ބީޗަކާއެކު މޫދަށް އެރޭނެ ސަރަހައްދެއްވެސް ހަދައިދޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރެންދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ނަރުދަމާގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން އެެރަށުގެ މަގުތައް ހަދައިދޭނެ ކަމަށް ވިދާޅުވިއެވެ.
ކުރެންދޫގައި ފުލެޓު އަޅައިދޭން ނިންމި އިރު، އިއްޔެ ރައީސް ވަނީ ޅ. ނައިފަރުގައި މި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓު ހުޅުއްވައިދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު