Close
ޚަބަރު

ހުޅުމާލޭ ކޯޓަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އުފެއްދި ތަނެއް: އޭޖީ

އިބްރާހިމް ޒަކީ

ހުޅުމާލޭ ކޯޓަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އުފެއްދި ތަނެއްކަމަށް އެޓާނީޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ވާތީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި، އެ ކޮމިޝަންގައި ވެސް އިންނަވާ ރިފްއަތު ވިދާޅުވީ، ގާނޫނާހިލާފަށް އުފައްދާފައިވާ އެކޯޓު ނަގަހައްޓާފައި ވަނީ ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ހުކުމް ކޮށްފައިވާ (31/S-SC/2012) ގަޒިއްޔާއިން ކަމަށެވެ.

ނަމަވެސް ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ ކަމަށާއި، އެއީ ގާނޫނީ ބޮޑު ފުށުއެރުމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ފާޅުކަން ބޮޑު އެ ބޭއިންސާފު ރަނގަޅުކުރުމަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، އަދި ޖޭއެސްސީގެ މެންބަރު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާހިލާފަށް ހައްޔަރުކުރި މައްސަލައިގައި އެމަނިކުފާނަށް ކުރި ދައުވާގެ ބައެއް އަޑުއެހުންތައް ހުޅުމާލެ ކޯޓުގައި ކުރިއަށްދިޔައިރުވެސް އެ ކޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދިއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އޭރު (2012 ވަނަ އަހަރު) ނިންމި ނިންމުގައި ބުނެފައިވަނީ މެޖިސްޓްރޭޓް ކޯޓުތައް ހުންނަނީ ސުޕީރިއާ ކޯޓުތައް ގާއިމު ވެފައިވާ މާލެ ފިޔަވައި އެހެން ރަށްރަށުގައި ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނި ނަމަވެސް ހުޅުމާލެ އަކީ މާލޭގެ ބަޔަކަށް ވިޔަސް، ހުޅުމާލޭގެ ކޯޓު އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ހުޅުމާލެ ކޯޓު އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖޭއެސްސީން މިއަދުވެސް ވަނީ ބުނެފައެވެ.

އެކަން ހާމަކޮށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށާއި، އެކޯޓު އުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. މާލޭގެ އަވަށްއަވަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެެއް،" ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.