ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށްބުނެ ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި 16000 އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މިމަހުގެ ހަ ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާތަކެއް އަތުލި މައްސަލަ މިމަހުގެ 12 ވަނަ ދުވަހު ދަނގެތީ ޕޮލިސްޓޭޝަނަށް ހުށަހެޅި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް ދަނގެތީ ޕޮލިސް ސްޓޭޝަނާއި ކ. ގުޅީ ޕޮލިސް ޑެސްކު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ފައިސާތައް ހޯދާފައިވަނީ މި މަހު 19 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެ ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފަރކޮށްފައިވަނިކޮށް ކަމަށްވެސް ބުންޏެވެ.

އެގޮތުން، 16،119 ރުފިޔާ (1050 ޑޮލަރު) ހޯދައި އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.