މިއަހުރުގެ މިހާތަނަށް ރާއްޖެއަށް ދެލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 16 ވަނަ ދުވަހާ ހަމަޔަށް ރާއްޖެއަށް ޒިތާރަތްކޮށްފައިވަނީ 210،184 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 44 ޕަސަންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ކޮންމެ ދުވަހަކު 4،901 ފަތުރުވެރިން އައިސްފައިވެއެވެ. އެ މުއްދަތުގައި ރާއްޖެ އައި ގިނަ ފަތުރުވެރިން ވަނީ ނުވަ ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި މަޑުކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިން މަޑުކޮށްފައިވަނީ އެވްރެޖްކޮށް އަށް ދުވަހުގެ މުއްދަތަކަށެވެ. އަދި 2020 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިން މަޑުކޮށްފައިވަނީ އެވްރެޖްކޮށް ހަތް ދުވަހުގެ މުއްދަތަކަށެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު މަދުވެފައިވާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމުގެ ލިސްޓުގައި ވެސް ޗައިނާގެ ނަން ނުހިމެނެއެވެ.

  • މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތައް:
  • ރަޝިއާ: 33،191
  • ޔޫކޭ: 24،010
  • އިންޑިއާ: 18،044
  • ޖަރުމަނު: 15،992
  • އިޓަލީ: 14،599

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.

މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން އަހަރަށް ވާއިރު ޓޫރިޒަމްގެ ރަން އަހަރު ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ގެނައި ޖޯޖް ކޯބިން ވެސް ވަނީ ރާއްޖެ އައިސްފައެވެ. އަދި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯ ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޝޯއެއް ފަށާފައިވާއިރު، ރަން އަހަރާ ގުޅިގެން ހާއްސަ ސްޓޭމްޕެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.

މީގެ އިތުރުން ޖަޕާން، ސިންގަޕޫރު، މެލޭޝިއާ އަދި ތައިލެންޑްގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމަށް ހުރި އިންވެސްޓްމަންޓް ފުރުސަތު ތަކާއި ބެހޭ ވެބިނާއެއް ބާއްވާފައިވާއިރު އެމްއެމްޕީއާރްސީން ވަނީ އިންޑިއާގެ ފަތުރުވެރިންގެ މާކެޓަށް އަމާޒުކޮށް ޑެސްޓިނޭޝަން އޮންލައިން ޓްރެއިނިންގް ޕްރޮގްރާމެއްވެސް ފަށާފައެވެ.