ރާއްޖެގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022، ކުލަ ގަދަ ރަސްމިއްޔާތަކާއެކު ރޭ ފަށައިފިއެވެ.

މިފަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގައި 91 ޓީމަކުން ވާދަކުރާ އިރު، ޖުމްލަ 177 މެޗެއް ކުޅެވޭނެއެވެ. ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ މުބާރާތް ފެށީ ކުލަގަދަ ރަސްމިއްޔާތަކާ އެކުގައެވެ. ސަގާފީ ކުޅިވަރާވެސް އެކު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި 2019 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށީ ޓީމުގެ ކެޕްޓަން އިބްރާހީމް ސިނާހް ވަނީ މިފަހަރު މުބާރާތުގެ ތަށި ދައްކާލައިފައެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕޮންސަރުންނާއި ޕާޓްނަރުން ބައިވެރިވެފައިވާ އިރު، ޝަރަފުވެރި ކޮށްދެއްވީ ޕްލެޓިނަމް ޕާޓްނަރު އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު ހަސަން އަލް ހަމަދީއެވެ.

މުބާރާތުގެ ޒޯން އެކެއްގެ ހަ މެޗު ރޭ ކުޅެފައިވެއެވެ. އެއީ ހދ. އަތޮޅު ގްރޫޕް އެކެއްގެ ދެމެޗާއި، ހއ. އަތޮޅު ގްރޫޕް އެކެއްގެ ދެމެޗުގެ އިތުރުން ށ. އަތޮޅު ގްރޫޕް އެކެއްގެ ދެމެޗެވެ.

ރޭ ކުޅުނު ހދ. އަތޮޅުގެ މެޗުތަކުގައި ނޭކުރެންދޫއާއި ނާވައިދޫ 2-2 އިން އެއްވަރުވި އިރު، ފިނޭއިން ކުމުންދޫ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ރޭ އެންމެ ފޯރިގަދަކޮށް ދިޔައީވެސް ނޭކުރެންދުއާއި ނާވައިދޫ ކުޅުނު މެޗެވެ.

މެޗުގެ ހަތަރު ގޯލުވެސް ދެވަނަ ހާފުގައި ފެނުނު އިރު، ފުރަތަމަ ދެ ގޯލު ޖެހީ ނާވައިދޫންނެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން އަބްދުﷲ ވިސާމް ޖެހި ގޯލުތަކުން ނާވައިދޫ ދެ ގޯލުގެ ލީޑެއްގައި ކުޅެމުން ދިޔަ ނަމަވެސް، ނޭކުރެންދޫން ވަނީ ފަހު ވަގުތު ދެ ގޯލު ޖަހައި އެއްވަރު ކޮށްފައެވެ.

ނޭކުރެންދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ފަރުހާން (ފަރުއްކޮ)އާއި ކެޕްޓަން މުހައްމަދު ވިލްފް އެވެ. ވިލްފްގެ ގޯލާއެކު މެޗު އެއްވަރުވި އިރު، އެ ގޯލު ފެނުނީ ފަހު މިނެޓުގައެވެ. މިފަހަރު ނޭކުރެންދޫ ޓީމުން ގައުމީ ޓީމުގެ ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް (ކްރޯ) ފާހަގަވެއެވެ. ކްރޯއަކީ ލ. ކުނަހަންދުއަށް އުފަން ކުޅުންތެރިއެއް ނަމަވެސް އޭނާ ނޭކުރެންދޫއަށް ކުޅެމުންދަނީ ރަށްވެހިކަން ބަދަލުކޮށްގެންނެވެ.

ހދ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ފިނޭއިން ކުމުންދޫ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ފިނޭގެ ޝަމީލް ރަޝީދު ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖަހައިދިނީ އަލީ މިސްބާހާއި މުހައްމަދު އާނިމްއެވެ. މެޗުގައި ކުމުންދޫން ޖެހި ދެ ގޯލު ޖަހައިދިނީ ހުސައިން ހަސަނާއި ޝިނާން އިބްރާހީމެވެ.

ރޭ ކުޅުނު ހއ. އަތޮޅު ފުރަތަމަ މެޗުގައި ހޯރަފުށިން ވަނީ 3-1 އިން ހއ. ވަށަފަރު ބަލިކޮށްފައެވެ. ހޯރަފުށީގެ ގޯލުތައް ޖަހައިދިނީ ވެލެންސިއާއަށް ކުޅޭ ޒުވާން ފޯވަޑް އަބްދުﷲ ޔާމީނާއި އިބްރާހިމް ބިޝާރު އަދި އަލީ ޝިމާހުއެވެ. ވަށަަފަރުގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ޒާއިދު މުސްތަފާއެވެ.

ހއ. އަތޮޅު ދެވަނަ މެޗުގައި ހއ. ދިއްދޫ އިން ވަނީ 8-1 އިން ހއ. މާރަންދޫ އަތުން ބޮޑު މޮޅެއް ހޯދައިފައެވެ. ދިއްދޫގެ ހައިޝަމް ރަޝީދު ހަތަރު ގޯލު މެޗުގައި ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ހިޝާމް ހަސަން ވަހީދު، އާދަމް ނަަސީމް އަދި ތައުމީން ނޫހެވެ. މާރަންދޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އިހުސާން ޖަލީލެވެ.

ރޭ ދެން ކުޅުނީ ށ. އަތޮޅު ގްރޫޕް އެކެއްގެ ދެމެޗެވެ. ފުރަތަމަ މެޗުގައި މިލަންދޫން 2-0 ގެ ނަތީޖާއަކުން ބިލެއްފަހި ބަލިކުރި އިރު، މިލަންދޫގެ ގޯލުތައް ޖެހީ ހަސަން ނާސިހު އާދަމް އާއި އަބްދުﷲ ނާޖީ އެވެ. އެ އަތޮޅު ބުރުގައި ދެން ކުޅުނު މެޗުގައި ށ. ކޮމަންޑޫ އަތުން ށ. ފޯކައިދޫ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފޯކައިދޫގެ އިބްރާހީމް މުޝީރް އެޓީމަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ހުސައިން ނަބީހް ވަނީ ލީޑު ފުޅާ ކޮށްދީފައެވެ. އޭގެ މިނެޓެއް ފަހުން ސާމިހުގެ ގޯލުން ކޮމަންޑޫ އުންމީދެއް ހޯދި ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި މުހައްމަދު ރިސްވާން (ފުކޭ) ޖެހި ގޯލުން ފޯކައިދޫ ފުރަތަމަ މޮޅު ޔަގީން ކުރިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ. މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

  • ހއ. އަތޮޅު (ގްރޫޕް 2)

20:15 ބާރަށް - އިހަވަންދޫ

21:15 މުރައިދޫ - ކެލާ

  • ހދ. އަތޮޅު (ގްރޫޕް 2)

20:15 ކުޅުދުއްފުށި - ވައިކަރަދޫ

21:15 ނެއްލައިދޫ - މަކުނުދޫ

  • ށ. އަތޮޅު (ގްރޫޕް 2)

22:15 މަރޮށި - ކަނޑިތީމް

22:15 ފީވަށް - ގޮއިދޫ