ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސާވިސްގެ މުވައްޒިފުންނަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް ކެއުން ހަމަޖައްސައި ދިނުމަށް، ޕޮލިސް ވެލްފެއާ ކޯޕަރޭޝަނާއި ފާސްޓް ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ފާސް ކޮންސްޓްރަކްޝަނަށް ދޭން ނުޖެހޭނެ ކަމަށް ސުޕްރީން ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސާވިސްގެ މުވައްޒިފުންނަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް ކެއުން ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕޮލިސް ވެލްފެއާ ކޯޕަރޭޝަންއާ ދެމެދު 7 އޮގަސްޓް 2018 ގައި ހެދި ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން، ޕޮލިސް ވެލްފެއާ އާ ހަވާލުކުރި މަސައްކަތް ސަބް ކޮންޓްރެކްޓެއްގެ ދަށުން ފާސްޓް ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނިކޮށް އެއްބަސްވުން ބާތިލު ކޮށްފައިވާ މައްސަލައެކެވެ.

ޕޮލިސް ވެލްފެއާއި ފާސްޓް ކޮންސްޓްރަކްޝަނާ ދެމެދު 16 އޯގަސްޓް 2018ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޕޮލިސް ވެލްފެއާއިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ހަވާލު ކޮށްފައި ވަނީ ފާސްޓް ކޮންސްޓްރަކްޝަނާއެވެ.

ޕޮލިސް ސާވިސްއާއި ޕޮލިސް ވެލްފެއާއާ ދެމެދު ހެދި އެއްބަސްވުމުގައިވާ ގޮތުން، އެ އެއްބަސްވުން ބާތިލު ކުރާ ނަމަ އެއް މަސް ދުވަހުގެ ނޯޓިސްއެއް ދޭންޖެހެއެވެ. ނަމަވެސް ޕޮލިސް ވެލްފެއާއާއި ފާސް ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި ބުނެފައިވަނީ އެ އެއްބަސްވުން ބާތިލުކުރަން ޖެހިއްޖެ ހާލަތެއްގައި ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވެންޖެހޭނެ ކަމަށެވެ.

އެހެން އެކަން އޮއްވައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން، ޕޮލިސް ސާވިސްއާއި ޕޮލިސް ވެލްފެއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެ ކޮމިޝަނުން އެންގިއެވެ. އެހެންކަމުން އެއް މަސް ދުވަހުގެ ނޯޓިހެއް 18 އޮކްޓޯބަރު 2018ގައި ޕޮލިސް ސާވިސް އިން ޕޮލިސް ވެލްފެއާއަަށް ދިނެވެ. އެކަމާ ގުޅިގެން އެ ނޯޓިސްއަށް ފާސްޓް ކޮންސްޓްރަކްޝަނުން ވެސް އަމަލުކުރަން ޕޮލިސް ވެލްފެއާއިން އެ ކުންފުންނަށް އެންގިއެވެ.

ނަމަވެސް ފާސްޓް ކޮންސްޓްރަކްޝަނުން އެންގީ، އެއްބަސްވުން ބާތިލުކުރުމުގެ ނޯޓިސް ދީފައި ވަނީ އެ އެއްބަސްވުމުގައިވާ ގޮތަށް ދެ ފަރާތުގެ މެދުގައި މަޝްވަރާ ނުކޮށް ކަމަށެވެ. އެހެންކަމުން އެއީ އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އަދި އެއްބަސްވުމާ އެއްގޮތަށް ޒިންމާ އަދާކުރަމުން ދަނިކޮށް އެއްބަސްވުން އުވާލާ ނަމަ ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ފާސްޓް ކޮންސްޓްރަކްޝަނަށް ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާއަށްވާ 2.9 މިލިއަން ރުފިޔާ ދިނުމަށްފަހު އެއްބަސްވުން އުވާލުމާމެދު އިއުތިރާޒު ނުކުރުރާ ކަމަށް އެންގިއެވެ.

އެކަމާ ގުޅިގެން ޕޮލިސް ވެލްފެއާއިން ބުނެފައި ވަނީ، ފާސްޓް ކޮންސްޓްރަކްޝަނަށް ނޯޓިސް ފޮނުވީ، އޭސީސީން ބެލި މައްސަލައަކަށްފަހު އެއްބަސްވުން ބާތިލުކުރުމަށް އެ ކޮމިޝަނުން އަންގައިގެން ކަމަށެވެ. އަދި އެ ނޯޓިސްއަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދަ، ނޯޓިސްއެއް ނޫންކަމުން މާލީ ބަދަލު ދެވެން ނެތް ކަމަށް އެންގިއެވެ.

އެކަމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ޕޮލިސް ވެލްފެއާ އިން ނަގައިދިނުމަށް އެދި ފާސްޓް ކޮންސްޓްރަކްޝަންގެ ފަަރާތުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ ކޯޓުން ނިންމީ ފާސްޓް ކޮންސްޓްރަކްޝަނުން އެދިފައިވާ ބަދަލަކީ ނަގައި ދެވިދާނެ އެކަށީގެންވާ ބަދަލެއް ކަމަށެވެ.

ނަމަވެސް އެ ނިންމުން ޕޮލިސް ވެލްފެއާ އިން ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރުމުން، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލް ކުރިއެވެ. އަދި ފާސްޓް ކޮންސްޓްރަކްޝަންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ، ހައިކޯޓުގެ ނިންމުންވެސް ބާތިލްކޮށްފައެވެ. އަދި ޕޮލިސް ވެލްފެއާއާއި ފާސްޓް ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވަނީ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށް ކަނޑައަޅައި އެއްބަސްވުން ބާތިލުކުުރުމުގެ ސަބަބުން ޕޮލިސް ވެލްފެއާއިން ފާސްޓް ކޮންސްޓްރަކްޝަނަށް ދޭންޖެހޭ ބަދަލެއް ނެތް ކަމަށްވެސް ހުކުމްކުރިއެވެ.