ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރު މެއި މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ޔުނައިޓެޑް ނޭޝަންސް (ޔޫއެން)، ކޮމަންވެލްތް އަދި ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ލޯޑް (ތާރިކް) އަހުމަދު އޮފް ވިމްބަލްޑަން، އާއި އިއްޔެ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޅ. ފެލިވަރުގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން ފަދަ ކަންބޮޑުވުންތައްވެސް ތާރިކްއާ ހިއްސާ ކުރައްވާފަ އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ ހަނދާންތައް އާކުރައްވަމުން، މިއީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކާތައް އިތުރުވަމުންދާ ރާއްޖެއަށް "ވޭކް އަޕް ކޯލެއް" ގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފަ އެވެ.
ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމުގައި، ޓެރިފް ލުއިކުރުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ރެޒިޑެންޓް މިޝަންގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގައި ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އަދި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މައްސަލަތަކަށް އަލިއަޅުއްވައިލައްވައި، މި ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ކުރިއަށް އޮތް ތާނގައިވެސް އަންހެނުންނާއި ކުޑަކުދިން ބާރުވެރިކުރުވުމުގައި މި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
ރައީސް ސޯލިހު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފަ އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ކޮމަންވެލްތު އިސްލާހުކޮށް، އެ ޖަމިއްޔާއަކީ ހުރިހާ އެންމެންނަށް ވެސް މަސައްކަތް ކުރެވޭ ޖަމިއްޔާއަކަށް ހެއްދެވުމަށް އިނގިރޭސިވިލާތުން ދެއްވާ އަހަންމިއްޔަތުކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު