ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އަތޮޅު ބުރުގެ ފުރަތަމަ މެޗުތައް މިރޭ ފެށޭނެއެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. އެންމެ ހައިބަތު ބޮޑު މުބާރާތްވެސް މެއެވެ. ރާއްޖޭގެ ފުޓްސަލް ތަރިން، އެ ތަރިންގެ ރަށަށް، އަތޮޅަށް، ރީތި ނަމެއް ހޯދުމަށް ކުރާ މަސައްކަތަކީ ބޮޑު މަސައްކަތެކެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށްޓަށް ޓަކައި، ރަށްރަށުގެ ޓީމުތަކުން ކުރަމުންދާ ހޭދައާއި ވަމުންދާ ތައްޔާރީތަކުން ދައްކުވައިދެނީ މުބާރާތުގެ މުހިއްމު ކަމެވެ.
ރަށު ފުޓްސަލް ޓީމުގެ މެޗުތައް އިޖުތިމާއީ މަރުކަޒުތަކުގެ ބޮޑު ސްކްރީންތަކުގައި އަޅުވައިގެންވެސް ބަލައެވެ. ކުޅުންތެރިން ފުޓުބޯޅައިގައި ބޮޑެތި މުބާރާތްތަކަށް ގޮސް، ގައުމަށް ވޯލްޑް ކަޕާއި ޔޫރޯ ނަގައިދޭން މަސައްކަތްކުރާހެން ރާއްޖޭގެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ކެރިއަރުގައި އެންމެ ބޭނުންވާ އެކައްޗަކީ ރަށަށް ގޯލްޑަން ފުޓްސަލް ޗެލެންޖު ހޯދައިދިނުމެވެ. ރަށް ތަމްސީލުކުރާ، ރަށުގެ ފޯރި ގެނުވައި ފުޓްސަލް މުބާރާތަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖު ވެފައިވުމާއެކު މިއަދު މި މުބާރާތަކީ "އަތޮޅު ފުޓްސަލް ޗެމްޕިއަނުން" ހޮވައިލާނެވެސް މުބާރާތެވެ. ގޯލްޑަން ފުޓްސަލް މުބާރާތް އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އިރު، މުބާރާތުގެ ޗެމްޕިއަންކަމާއެކު ރާއްޖޭގެ ފުޓްސަލް ރަސްކަމުގައި އޮތީ ތިމަރަފުއްޓެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް ތަނެއްގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ހުޅުމާލޭ ރެހެންދި ޓާފް ދަނޑުތަކުގައި މުބާރާތް މިރޭ ފެށޭ އިރު، މުބާރާތުގައި 91 ޓީމު ވާދަކުރާނެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ގުރު ނެގުމުގައި މުބާރާތުގެ ކުރިން ވަނީ އަތޮޅު ބުރުތަކުގެ އިތުރުން ޒޯން ބުރާއި ގަދަ 16 ގެ ގުރުވެސް ނަގައިފައެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 177 މެޗެއް ކުޅޭނެއެވެ. އޭގެ ތެރެއިން ފުރަތަމަ އަތޮޅު ބުރު ކުޅޭ އިރު، ކޮންމެ އަތޮޅު ބުރެއްވެސް ކުޅޭނީ ލީގު އުސޫލުންނެވެ. އަތޮޅު ބުރުގައި ޓީމުތައް ބައިވެރިވި އަދަދަށް ބަލައި ގުރޫޕް ބަހަން މިފަހަރުވެސް ނިންމާފައިވާ އިރު، އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅުތަކުގައި ކުޅޭނީ ލީގު އުސޫލުންނެވެ.
އެހެން ނަމަވެސް ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.
ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެގެން މިފަހަރު ދެ ގްރޫޕަކަށް ކުޅޭނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ކ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ތ. އަތޮޅާއި. މ. އަތޮޅު އަދި ގއ. އަތޮޅުގެ މެޗުތަކެވެ. އޭގެ ތެރެއިން މިރޭ މުބާރާތް ފަށާނީވެސް ހދ. އަތޮޅާއި ހއ. އަތޮޅު އަދި ށ. އަތޮޅުގެ މެޗުތަކުންނެވެ.
އެއް ޓީމެއް ބައިވެރިވުމުން ނ. ކުޑަފަރީއާއި ފުވައްމުލަކު ސިޓީ މާލެގަން އަށް މިހާރުވެސް ޒޯން ބުރު ޔަގީންވެފައިވާ އިރު، ޒޯން ބުރުވެސް ކުޅޭނީ ލީގު އުސޫލުން ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ގުޅޭ ގޮތަށެވެ. ދެ ގްރޫޕަށް ބަހާލި އަތޮޅުތަކުން ދެ ޓީމު ޒޯން ބުރަށް ދާއިރު، ދެން ހުރިހާ އަތޮޅެއްގައިވެސް ޒޯނަށް ދާނީ ލީގު އުސޫލުން ކުޅޭ އަތޮޅު ބުރުގެ ޗެމްޕިއަން އެކަންޏެވެ.
މުބާރާތުގެ ގަދަ 16 ގައި ޒޯން ބުރުގެ ޗެމްޕިއަނުން ވާދަކުރާނީ ރަނަރަޕް ޓީމުތަކާ ދެކޮޅަށެވެ. އެ ތަރުތީބުން ކުއާޓާ ކުޅެ، ސެމީއަށް ޓީމުތައް ދަތުރު ކުރާ އިރު، ފައިނަލް އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ. މިއަހަރުވެސް މާލެ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ދީފައިވެއެވެ.
މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ. އެ ފުރުސަތާއެކު 91 ޓީމުން މުބާރާތުގައި ބައިވެރިވުންވީ މުބާރާތަށް އޮތް ތަރުހީބު ދައްކުވައިދިން ކަމަކަށެވެ. މިއީ ގޯލްޑަން ފުޓްސަލް މުބާރާތް ކާމިޔާބުކަމާއެކު ބާއްވާ ހަވަނަ އަހަރެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ރާއްޖޭގެ ގިނަ ރަށްތަކަކާއި އަތޮޅުތަކެެއް ތަމްސީލު ވެގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރުގެ ފުރުސަތު ލިބުމަކީ ސޮނީއަށްވެސް ލިބުނު ބޮޑު އުފަލެކެވެ. ހާއްސަކޮށް އެ ކުންފުނިން ކުޅިވަރާ ބާއްވާ ގާތް ކަމަށް ލިބިގެން ދިޔަ އިތުރު ފަހި ފުރުސަތެއްވެސް މެއެވެ.
ޓައިޓަލް ސްޕޮންސަރާއެކު ސޮނީ ސްޕޯޓްސްގެ ފަރާތުން މަރިޔަމް އަބްދުﷲ ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށާއި، އެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސޮއި ކުރެވުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
"ސޮނީ ސްޕޯޓްސް ފަރާތުން ބޭނުންވަނީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން. އެގޮތުން ރާއްޖޭގައި ބޭއްވޭ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް، ގޯލްޑަން ފުޓްސަލްގެ ސްޕޮންސާޝިޕްގައި ސޮއިކުރެވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް. އުންމީދަކީ ކުރީ އަހަރުތަކަކޭވެސް އެއްގޮތަށް މުބާރާތް ފޯރިގަދަކޮށް ދިއުން،" މަރިޔަމް "ވަން"އަށް ކުރިން ވިދާޅުވިއެވެ.
މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
އޭގެ އިތުރުންވެސް ޕާޓްނަރުންގެ ތެރޭގައި އެލައިޑް، ރީޖަނަލް އެއާޕޯޓްސް، ޕިއްޒާ ބޯނާ، ކޭވް ކެފޭ، ޒުއްރާ އަދި ޔޫތު އޮން ދަ މޫވް ހިމެނެއެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމްއެވެ. ޕީއާރް ޕާޓްނަރުގެ ގޮތުގައި އަދަދު ކަނޑައަޅާފައިވާ އިރު، ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.
މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކީ ޖާޒިއާއެވެ. ޕްރިންޓިން ޕާޓްނަރަކީ ހަވާސާ ޕްރިންޓިންއެވެ.
މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރު "ވަން" އިން، ހުރިހާ ގްރޫޕުތަކެއްގެ މެޗުތަކުގެ އިތުރުން ޒޯން ބުރާއި ފައިނަލް ބުރުގެ ފުރިހަމަ މައުލޫމާތު ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.
- ހދ. އަތޮޅު (ގްރޫޕް 1)
20:15 ކުމުންދޫ - ފިނޭ
21:15 ނޭކުރެންދޫ - ނާވައިދޫ
- ހއ. އަތޮޅު (ގްރޫޕް 1)
20:15 ވަށަފަރު - ހޯރަފުށި
21:15 ދިއްދޫ - މާރަންދޫ
- ށ. އަތޮޅު (ގްރޫޕް 1)
22:15 މިލަންދޫ - ބިލެތްފަހި
22:15 ކޮމަންޑޫ - ފޯކައިދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް