ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނައިފަރަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ސޯލިހު ނައިފަރަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މިއީ ޅ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ.
ނައިފަރުން ރައީސް ސޯލިހަށް ވަނީ އަންހެނުންގެ ދަނޑިޖެހުމުގެ ހަރަކާތާއެކު ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. އަދި އެމަނިކުފާނުގެ އިސްތިގުބާލުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ރައީސް ސޯލިހު ނައިފަރަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގައި ސަރުކާރުން އެޅި 100 ހައުސިން ޔުނިޓު ހުޅުވައިދެއްވާނެއެވެ. އަދި އެރަށުގެ މަދަރުސަތުލް އިފްތިތާހުގައި އަލަށް އިމާރާތްކުރި ދިހަ ކްލާސްރޫމާއި އޭވީ ރޫމާއި ސްޓާފް ރޫމް ހުޅުއްވައިދެއްވާނެއެވެ.
މީގެ އިތުރުން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ.
ރައީސް ސޯލިހު ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރު، ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދުއަށް ވަޑައިގަންނަވާނެއެވެ. ރައީސް ސޯލިހު ފުރަތަމަ ވަޑައިގެންފައިވަނީ މަޑިވަރަށެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަޑައިގެންނެވީ އުފަން ރަށް، ހިންނަވަރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު