ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ހަރަކާތްތައް މިހާރަށްވުރެ އިތުރުކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އުފަން ރަށް، ހިންނަވަރަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ރޭ ވިދާޅުވީ، ކުރިއަށް އޮތީ މުހިންމު އަހަރުތަކެއް ކަމަށެވެ. އެގޮތުން އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއީ އެމްޑީޕީގެ ރޫހު، ރަށްރަށުގައި އާލާކުރަން ޖެހޭ ވަގުތު ކަމަށެވެ.
"މި ދަނޑިވަޅަކީ، އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް އަހަރުތަކަކީ، މިހާރަށްވުރެ ޕާޓީގެ ހަރަކާތްތައް ހިންގައި، ރަށްރަށުގައި އާލާކުރަން ޖެހޭ ވަގުތެއް. އެނގިވަޑައިގަންނަވާނެ 2023 ގައި އަނެއްކާވެސް ރިޔާސީ އިންތިހާބެއް މިއޮތީ. އެހެންވީމާ ޕާޓީގެ ހަރަކާތްތައް މިހާރަށްވުރެ އިތުރުކޮށް ކުރިއަށްގެންދިއުމަކީ ބޭނުންތެރިކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް ކުރިއަށްގެންދާނީ ޕާޓީގެ މެންބަރުން ބޭނުންވާ ގޮތަށް ކަމަށެވެ.
އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، އެމްޑީޕީގެ ހަރަކާތްތައް މަދުކަމުގެ ކަންބޮޑުވުން ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް މީގެ ކުރިން ވަނީ އެމްޑީޕީގެ ހަރަކާތްތައް މަދު ކަމުގެ ޝަކުވާ ޕާޓީގެ މެންބަރުން ކުރާ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު