ޚަބަރު

ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ބަލަން ސަރުކާރުން ނުތިބޭނެ: އިމްރާން

މުހައްމަދު އިޝާން

ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ބަލަން ސަރުކާރުން ނުތިބޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު ކަމަށް ތުހުމަތުކުރާ މީހަކު އެރަށު ޕޮލިސް ޑެސްކުގެ އިންޗާޖު ސާޖެންޓު މުހައްމަދު އަރީޝް ހުއްޓުވުން، ރޭ ދަންވަރު ވަނީ އޭނާގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. އެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ފުލުހުން ވަނީ ފަށައިފައެވެ.

އަރީޝް ސައިކަލުގައި ރޯކޮށްލި ހާދިސާއާ ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދު އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޒިންމާވާ ފަރާތްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމުލުތައް ބަލަން ސަރުކާރުން ނުތިބޭނެ ކަމަށެވެ.

އެމައްސަލައާ ގުޅިގެން ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މިލަދޫގައި އަމާން މާހައުލެއް ގާއިމުކުރުމަށް އަރީޝް ކުރަމުންދާ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އަރީޝްއަކީ ވަރަށް ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ފުލުހެއް ކަމަށެވެ.

ހަމީދު ވިދާޅުވީ އަރީޝްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ތަހުގީގުކުރަން ޕޮލިސް ހެޑްކުއާޓާއިން ޓީމެއް ފޮނުވާފައިވާ ކަމަށާއި ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށް މިލަދޫ ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ހުރި އެކަކު ފުލުސް މީހާ ދިރިއުޅޭ ގޭތެރެއަށް ވަދެ އޭނާގެ ސައިކަލަށް ޕެޓްރޯލް ޖަހާތަން ފެނެއެވެ. އަދި މޫނު ނިވާކޮށްގެން ހުރި އިތުރު މީހަކު އެގޭތެރެއަށް ވަނުމަށްފަހު ސައިކަލުގައި ރޯކޮށްލުމަށްފަހު ފިލައިގެންދާ މަންޒަރު ފެނެއެވެ.