ދުނިޔޭގެ ބޮޑެތި ބާރުގަދަ ގައުމުތަކުގެ ވެރިން ބައްދަލު ކުރައްވައި މަޝްވަރާތައް ކުރިޔަށް ގެންދަވާއިރު އެބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި ކުރައްވާ ކަންކަމުގެ އިތުރަށް އެބޭފުޅުން ބައްދަލުކުރައްވާ ކޮޓަރިކޮޅުގެ މޮޅުދެރަމިނާއި ފަރުނީޗަރުގެ ރީތިކަމާއި ފުރިހަމަކަންވެސް މީސްތަކުންގެ ސަމާލުކަމަށް އާދެއެވެ. ޔުކްރޭނުގެ މައްސަލަ ހައްލުކުރެވޭނެ މަގެއް ކޮށައި އަލިކުރުމާއި ގުޅޭގޮތުން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ހުސްވި ހަފުތާތެރޭގައި ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން އެގައުމުގެ ރައީސް ލަޑީމިއަރ ޕުޓިންއާ ބައްދަލުކުރެއްވި ކުރެއްވުމުންވެސް މިބާވަތުގެ ކަމެއް ވަރަށް ބޮޑަށް ވަނީ ފާހަގަކުރެވިގެން ގޮސްފައެވެ. ދެ ރައީސުން ތިއްބެވީ އާދަޔާ ޅިލާފު ދިގު ހުދު މޭޒެއްގެ ދެކޮޅުގައެވެ. މިފަދަ ކަމަކަށް އެކަށޭނަ ވަރަށްވުރެ މާދިގު މޭޒެކެވެ.
އެންމެންވެސް މިހާރު ދައްކަމުންދަނީ މިވާހަކައެވެ. ސާދަފޫޓުގެ ދިގު މޭޒެއް ރައީސް ޕުޓިން އިޚުތިޔާރު ކުރެއްވީ ކީއްވެގެން ބާވައެވެ. އެވެސް އަދި ހުދުކުލައިގެ މޭޒެކެވެ. ބައެއް މީހުން ދެކޭގޮތުގައި ކޮވިޑުގެ ބިރުވެރިކަން އޮތީމާ ގައިދުރުކަން ބެހެއްޓެވީއެވެ. އެކަމަކު ސާދަފޫޓަކީ މާދުރެވެ. އެހާ ދުރުގައި ތިބެގެން ވާހަކަ ދެއްކެވުމަކީ ޕުޓިންއަށްވެސް އަދި މެކްރޯނަށްވެސް ފަސޭހަފުޅު ކަމެއް ނޫނެވެ. ކޮވިޑުން ރައްކާތެރިވުމަށް ގައިދުރުކަން ބެހެއްޓުމަށް ޑަބްލިޔުއެޗްއޯއިން ގަބޫލުކުރާ މިންގަޑަކީ ދެފޫޓެވެ. ސާދަފޫޓެއް ނޫނެވެ. ދެ ފޫޓު ދުރުމިން ބެހެއްޓުމަށް އާދައިގެ ކުޑަކުޑަ މޭޒެއްވެސް ފުދޭނެއެވެ. އަދި މޭޒެއް ކޮންމެހެން ހުންނާކަށްވެސް ނުޖެހޭނެއެވެ. މިކަން މިހެން އޮތުމާއެކު ހުދުކުލައިގެ އެހާ ދިގު ބޮޑު މޭޒެއްގެ ދެކޮޅުގައި ދެބޭފުޅުން ތިއްބެވުމަށް ޕުޓިން ބޭނުންފުޅުވީ ކީއްވެގެން ބާވައެވެ.
ރައީސް ޕުޓިންއަކީ މާނަފުން ކަންކަން ކުރެއްވުމުގައި ވަރަށް ފާހަގަ ކުރެވޭ ބޭފުޅެކެވެ. ރަމްޒީގޮތުންނާއި އެނޫންވެސް ގޮތްގޮތުންނެވެ. އެހެންވީމާ އެހާދިގު، އެހާބޮޑު އަދި އެހާ ހުދުކަންގަދަ މޭޒެއް އިޚުތިޔާރު ކުރެއްވުމުގެ ފަހަތުގައި ސަބަބެއް އޮންނާނެއެވެ. ދުނިޔެއަށް ދެއްވަން ރައީސް ޕުޓިން ބޭނުންފުޅުވާ މެސެޖެެއް އޮންނާނެއެވެ. ތަޖުރިބާކާރުން ވަނީ ޕުޓިންގެ މެސެޖު ތަރުޖަމާކުރެވޭތޯ އެކި ވިސްނުމުން ވިސްނައިފައެވެ. ރަޝިޔާއަކީ ފްރާންސަށްވުރެ 32 ގުނަ ބޮޑު ގައުމެކެވެ. ދުނިޔޭގައިވާ އެންމެ ބިޔަ ގައުމަކީވެސް ރަޝިޔާއެވެ. ޔޫރަޕުގައިވާ އެންމެ ވަރުގަދަ ބާރަކީވެސް ރަޝިޔާއެވެ. އެހެންވީމާ ޕުޓިންގެ މަގްސަދަކީ ރަޝިޔާގެ ސައިޒާއި ބާރު ރައީސް މެކްރޯނަށް ރަމްޒީގޮތުން ވިޔަސް ދެއްކެވުމެވެ. ގިނަ މީހުންނަށް މޭރުންވަނީ މި މާނައެވެ.
މޭޒުގެ ސައިޒާމެދު އުފެދޭ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. ދެންއޮތީ ކުލައިގެ ސުވާލެވެ. މޭޒުގައި ހުދުކުލަ ހުރުމުގެ މާނަޔަކީ ކޮބައިހެެއްޔެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ޕުޓިން އެދެއްވަނީ ސުލްހައިގެ މެސެޖެވެ. ކިތަންމެ ބާރުގަދަޔަސް ގައުމު ބޮޑަސް ރަޝިޔާ ބޭނުންވަނީ ހަނގުރާމައެއް ނޫނެވެ. ރަޝިޔާ އެދެނީ ސުލްހައެވެ. ހުދުކުލަޔަކީ ސުލްހަޔާއި އަމާންކަމުގެ ކުލައެވެ. އެހެންވީމާ ހުދު މޭޒެއް އިޚުތިޔާރު ކުރެއްވުމުގައި ޕުޓިންގެ މަގްސަދަކީ ރަޝިޔާ އަދިވެސް އިސްކަންދެނީ ސުލްހަޔަށްކަމުގެ މެސެޖު ދެއްވުމެވެ. ޔޫރަޕަކީ ސުލްހައިގެ ކޮންޓިނެންޓެއް ކަމާއި ޔޫރަޕުގައި ހަނގުރާމައެއް ފަށަން ރަޝިޔާ ބޭނުން ނުވާކަން ސާފުކޮށްދެއްވުމެވެ. ބާރުގެ ބޭނުންކުރާނީ އެހެން އެއްވެސް ގޮތެއް ނެތިގެންކަން އެންގެވުމެވެ. ގިނަ ބަޔަކަށް ކުލައިގެ މާނަ މޭރުން ކުރެވުނީ މިހެންނެވެ.
ކުލައިގެ ޖަވާބުވެސް ލިބިއްޖެއެވެ. ދެން އޮތީ އެހާ ދުރުގައި ދެބޭފުޅުން ތިއްބެވުމުގެ ސުވާލެވެ. މޭޒަކީ ހަނިކޮށް ދިގުކޮށް ހުރި މޭޒެކެވެ. މޭޒުގެ ދެއަރިމަތީގައިވެސް ތިއްބެވިދާނެއެވެ. އެކަމަކު ޕުޓިން އިޚުތިޔާރު ކުރެއްވީ މޭޒުގެ ދެކޮޅެވެ. އެންމެ ބޮޑު ދުރުމިނެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މިކަމުން ޕުޓިން ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ޔޫރަޕަކީ ސުލްހަޔާއި އަމާންކަމުގެ ހުދު ކޮންޓިނެންޓަކަށް ވިޔަސް ދެބައި މީހުންނަށް މިތިބެވެނީ ފިކުރީގޮތުންނާއި ސިޔާސީގޮތުން ވަރަށް ދުރުގައިކަން ދެއްކެވުމެވެ. ދެފަރާތުގެ ދުރުމިން ރަމްޒީގޮތުން ދެއްކެވުމެވެ. ވާހަކަ ދައްކައި މުއާމަލާތު ހިންގުންވެސް ފަސޭހަ ނޫންކަން ވިދާޅުވެ ދެއްވުމެވެ. މައްސަލަތައް ގޯހުން ގޯހަށް ބަދަލުވުމުގެ ސިއްރަކީ ދުރުމިން ފުޅާކަމެވެ. މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވެނީވެސް ބުނާބަސް ނީވޭހާ ދުރުގައި ތިބޭންޖެހުމުންނެވެ.
މޭޒު އުފެއްދި ފަރާތާމެދުވެސް ބޮޑު އަރައިރުމެއް
ރައީސް ޕުޓިންގެ ބިޔަ މޭޒު ބުނެދިން ވާހަކަ މޭރުންވެއްޖެއެވެ. ދެން އޮތީ މޭޒު އުފެއްދި ފަރާތާއިމެދު އަރައިގެން އުޅޭ އޮޅުމެވެ. ސްޕޭނުގެ ވެލެންސިޔާގައި ގާއިމުކުރެވިފައިވާ ފަރުނީޗަރު ކުންފުންޏަކުން ބުނަނީ މިއީ އެ ކުންފުނިން ކޮށްފައިވާ މަސައްކަތެއް ކަމުގައެވެ. އެކަމާދޭތެރޭ އެއްވެސް ޝައްކެއްނެތް ކަމުގައެވެ. ސްޕޭނުގެ ކުންފުންޏަކުން މި މޭޒު އުފެއްދިކަމަށް ދައުވާކުރާއިރު އިޓަލީގެ ކޯމޯގައި ގާއިމްކުރެވިފައިވާ ފަރުނީޗަރު ކުންފުންޏަކުންވެސް މިކަމަށް އެބަ ދައުވާކުރެއެވެ. އެ ކުންފުނިން ބުނެފައިވަނީ މިއީ ރަޝިޔާ ސަރުކާރުން އެދިގެން އެކުންފުނިން 1995 ގައި ޖަހާދީފައިވާ މޭޒެއް ކަމުގައެވެ. ކޮންމެއަކަސް ހުޅަނގަށް ނިސްބަތްވާ ދެގައުމަކުން މޭޒު އުފެއްދިކަމުގެ ދައުވާކޮށް އަރައިރުންވުމަކީ ރަޝިޔާގެ ރައީސް ބޭނުންފުޅުވާ އަނެއް ނަތީޖާ ކަމަށްވެސް ވެދާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ