އުފަން ރަށް، ޅ. ހިންނަވަރަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިއީ ޅ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.

ހިންނަވަރުން ރައީސް ސޯލިހަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. އަދި އެމަނިކުފާނުގެ އިސްތިގުބާލުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ހިންނަވަރަށް ރައީސް ސޯލިހު ވަޑައިގެންނެވިއިރު، އެރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް މި ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ބައެއް މަޝްރޫއުތައް މިހާރު ވަނީ ނިންމާލައިފައެވެ. އެގޮތުން އެރަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫ އާއި އިންޖީނުގެ ބޮޑުކުރުމުގެ މަޝްރޫ އާއި ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ވަނީ ނިންމާލައިފައެވެ.

ހިންނަވަރުގައި މިވަގުތު ހިންގަމުން އަންނަ އެންމެ ބޮޑު މަޝްރޫއަކީ އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއެކެވެ.

ރައީސް ހިންނަވަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ މިރޭގެ ވަގުތެއްގައި ބައްދަލުކުރައްވާނެއެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ހިންވަރު ރައްޔިތުން ދެއްވާ ޖާފަތަކަށް ރައީސް އިންސާފު ކުރައްވާނެއެވެ.

ރައީސް ސޯލިހު ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރު، ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދުއަށް ވަޑައިގަންނަވާނެއެވެ. ރައީސް ސޯލިހު ފުރަތަމަ ވަޑައިގެންފައިވަނީ މަޑިވަރަށެވެ.