މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ ނ. މިލަދޫގައި ފުލުހަކު، މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުން އެ ފުލުސް މީހާއަށް އިންޒާރުދީ އޭނާގެ ސައިކަލުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ހުރި އެކަކު ފުލުސް މީހާ ދިރިއުޅޭ ގޭތެރެއަށް ވަދެ އޭނާގެ ސައިކަލަށް ޕެޓްރޯލް ޖަހާތަން ފެނެއެވެ. އަދި މޫނު ނިވާކޮށްގެން ހުރި އިތުރު މީހަކު އެގޭތެރެއަށް ވަނުމަށްފަހު ސައިކަލުގައި ރޯކޮށްލުމަށްފަހު ފިލައިގެންދާ މަންޒަރު ފެނެއެވެ.