ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) ހަމަޖައްސައިފިއެވެ.

އެއްބަސްވުންތަކުގައި ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިންއާ އެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މިހާރު ސޮއިކޮށްފައިވާ އިރު، މުބާރާތުގެ ބެވަރެޖް ޕާޓްނަރަކީވެސް ކޮކާ ކޯލާއެވެ.

އޭގެ އިތުރުންވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ގިނަ ފަރާތްތަކެއް އިއުލާންކޮށްފައެވެ. އެގޮތުން ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ.

މުބާރާތުގެ ގޯލްޑް ޕާޓްނަރުންގެ އިތުރުން ދެން ކަނޑައަޅާފައި ވަނީ ސިލްވާ ޕާޓްނަރުންނެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

އޭގެ އިތުރުންވެސް ޕާޓްނަރުންގެ ތެރޭގައި އެލައިޑް، ރީޖަނަލް އެއާޕޯޓްސް، ޕިއްޒާ ބޯނާ، ކޭވް ކެފޭ، ޒުއްރާ އަދި ޔޫތު އޮން ދަ މޫވް ހިމެނެއެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމްއެވެ. ޕީއާރް ޕާޓްނަރުގެ ގޮތުގައި އަދަދު ކަނޑައަޅާފައިވާ އިރު، ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކީ ޖާޒިއާއެވެ. ޕްރިންޓިން ޕާޓްނަރަކީ ހަވާސާ ޕްރިންޓިންއެވެ.

ނުވަދިހަ އެއް ޓީމަކުން ވާދަކުރާ ގޯލްޑަން ފުޓްސަލް ޗެލެންޖު އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ފެށުމަށް ވަނީ ނިންމައިފައެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 177 މެޗު ކުޅޭނެއެވެ.

އޭގެ ތެރެއިން ފުރަތަމަ އަތޮޅު ބުރު ކުޅޭ އިރު، ކޮންމެ އަތޮޅު ބުރެއްވެސް ކުޅޭނީ ލީގު އުސޫލުންނެވެ. އަތޮޅު ބުރުގައި ޓީމުތައް ބައިވެރިވި އަދަދަށް ބަލައި ގުރޫޕް ބަހަން މިފަހަރުވެސް ނިންމާފައިވާ އިރު، އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުންނެވެ.

އެހެން ނަމަވެސް ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގައި މާލެ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ދީފައިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަށް ޓީމުތަކުން ވަރުގަދައަށް ތާއްޔާރުވަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ތ. ތިމަރަފުއްޓެވެ.