ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.
އިޓަލީވިލާތުގެ ޑައިވިންގް ޓުއާ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތައާރަފުވި ކޯބިން އަކީ ރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ކޯބިންއަށް މަރުހަބާ ދަންނަވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ ރަން ޔޫބީލް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި "ހޯމް ސްޓޭ" ޓޫރިޒަމް މިހާރު ތައާރަފުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޯބިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރާ މެދު ހިތްހަމަޖެހުން ފާޅުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ފެނިވަޑައިގަންނަވަނީ އުޖާލާކޮށް ކަމަށް ވިދާޅުވެފައެވެ. އަދި މެދު ފަންތީގެ ފަތުރުވެރިކަމަށް ރާއްޖޭގައި އިތުރު ސަމާލުކަން ދިނުމުގެ މުހިއްމުކަމާ މެދު ވާހަކަދެއްކެވިއެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ އެއާޕޯޓުތައް ތަރައްގީކުރެވިގެން ދިއުމަކީ ކުރިއެރުމެއް ކަމުގައި ކޯބިން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އެމެރިކާ ބައްރު ފަދަ ދުރު ސަރަހައްދުތަކުގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ފަސޭހަ ގޮތްތައް ހޯދުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ޚަބަރު
ޚަބަރު