އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ، ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މާވިން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްްސަލައިގެ އަޑުއެހުމުގައި ދައުލަތުން އެގޮތަށް އެދި ހުށަހެޅުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވީ އެ މައްސަލަ ބައްލަވާ ކުރިިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުއެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިންގެ އިތުރުން އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާން ވަނީ ހައްޔަރުކޮށްފައެވެ.

މާވިން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ދެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

މި މައްސަލައިގަިއ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ، ހުސްވި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

އެދުވަހުގެ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން މާވިން އަށް ދިހަ ދުވަސް ދިނުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރިއެވެ.

މި މައްްސަލައިގެ މިއަދުގެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން މާވިން ބަންދު ކުރުމަށް ދައުލަތުން އެދުމުން، ދިފާއީ ވަކީލު ވިދާޅުވީ، ބަންދުގައި ހުންނައިރު މާވިންއާ ބައްދަލުކުރަން ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކެއް ހުރި ކަމަށެވެ. އަދި މާވިން ބަންދުކޮށްފައި ހުންނަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ދެ ފަރާތުގެ ވާހަކަތަކަށްފަހު، ޝަރީއަތް ނިމެންދެން މާވިން ބަންދުކުރުމަށް އަމުރު ކުރެއްވުމަށްފަހު، 15 ދުވަސްތެރޭ އޭނާ ރިމާންޑު ޖަލަކަށް ބަދަލު ކުރުމަށްވެސް ގާޒީ އަމުރު ކުރެއްވިއެވެ.