އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލަމް މިއާ (ސާލިމް)ގެ ކިބައިިން މަރަށް މަރު ހިފަން މަހުމޫދުގެ ހުރިހާ ވާރިސުން އެދެފިއެވެ.
މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.
މީގެ ކުރީން ބޭއްވި މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ސާލިމް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އެ މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އިއުތިރާފު ވެފައިވަނީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ނޫން ކަމަށްވެސް ބުންޏެވެ.
އެ މައްސަލައިގައި ވާރިސުންގެ ބަސް ހޯދާފައިވާއިރު، މިއަދު ސާލިމަށް ހުކުމް އިއްވާނެއެވެ. ވާރިސުން މަރަށް މަރު ހިފަން އެދިއްޖެ ނަމަ އިއްވަން ޖެހޭނީ މަރުގެ ހުކުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު