ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖޭގައި ނެތްކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ފުލުހުން އަންގައިފިއެވެ.
ޖިންސީ ފުރައްސާރައިގެ ހަތް މައްސަލައެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާގައި، އަލީ ވަހީދު ބޭރަށް ފުރި އިރު، އޭނާއާ ޖާމިނުވި އަޑުބަރޭ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 15 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން މިމަހުގެ ދެ ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށްފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް މީގެ ކުރިން "ވަން" އަށް ވިދާޅުވީ އަޑުބަރޭއަށް ކޯޓުން ހުކުމް ކުރީ ޣައިރު ހާޒިރުގައި ކަމަށް ވުމުން، އޭނާ މިވަގުތު ހުރި ތަނެއް ސާފު ނުވާ ކަމަށެވެ. އެހެންވެ އޭނާ ހޯދައިދޭން ފުލުހުންގެ އިދާރާގައި މިމަހުގެ ދެވަނަ ދުވަހު އެދިފައިވާ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަޑުބަރޭ ރާއްޖޭގައި ނެތްކަން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާތީ އެކަން ކަރެކްޝަންސްއަށް އަންގާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް އޮފިސަރު ނުދެއްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑުބަރޭ މިވަގުތު ހުރީ އިނގިރޭސި ވިލާތުގައެވެ. އަލީ ވަހީދުވެސް މިވަގުތު ހުންނެވީ އެގައުމުގައެވެ.
ކުރިމިނަލް ކޯޓުގައި މި މަހުގެ ދެވަނަ ދުވަހު ބޭއްވި، އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމުގައި ޣައިރު ހާޒިރުގައި އަޑުބަރޭއަށް ހުކުމް ކުރައްވަމުން ގާޒީ ހަސަން ސައީދު ވިދާޅުވީ، އަލީ ވަހީދު ގެންނަން ކޯޓުން ކުރި އަމުރާ ގުޅިގެން، އޭނާ ގެނައުމަށް އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.