ށ. ކޮމަންޑޫ ކައިރީގައި އޮންނަ ގުޅިފައިވާ ތިން ރަށް, ރިސޯޓް ހަދަން ދޫކުރަން ސަރުކާރުން އިއުލާން ކޮށްފައި ވަނިކޮށް އެކަން ސިވިލް ކޯޓުން ހުއްޓުވުމާ ގުޅިގެން އެ ރަށްތައް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އުނިކޮށްފި އެވެ.

ކޮމަންޑޫ ކައިރީގައި އޮންނަ މެދުރަށާއި މައިރަށުގެ އިތުރުން ދިގުރަށުގައި ރިސޯޓް ހަދަން ސަރުކާރުން އިއުލާން ކުރީ, މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ތިން ރަށުގެ ޖުމުލަ ބޮޑުމިނުގައި 19 ހެކްޓަރު ހުންނަ އިރު، އެރަށްތައް ދޫކުރަން ހަމަޖައްސާފައިވާ އެންމެ ކުޑަ އަގަކީ 1.2 މިލިއަން ޑޮލަރެވެ.

ނަމަވެސް ޝަރީއަތުން ހުކުމްކޮށް ނުވަތަ ކޯޓުން ވަކި ގޮތެއް އަންގަންދެން އެ ތިން ރަށުގައި ރިސޯޓް ހަދަން ދޫކުރުން ސިވިލް ކޯޓުން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހުއްޓުވައިފައެވެ. އެއީ ޕްރިމިއާ އިކުއިޓީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން، ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި ނެރުނު ވަގުތީ އަމުރަކުންނެވެ.

ޕްރިމިއާ އިކުއިޓީން ދައުވާ ކުރަނީ އެ ތިން ރަށަކީ, އެ ކުންފުންޏަށް ރިސޯޓް ހަދަން ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން 28 ސެޕްޓެމްބަރު 2008ގައި އެއްބަސްވެފައިވާ ލ. ބޮޑުފިނޮޅާއި ލ. ގަސްގަނޑުފިނޮޅު އަދި ޓްރެއިނިން ރިސޯޓެއް ހިންގުމަށް ކ. ގަމުގެ ދެ ބިމުގެ ބަދަލުގައި, ދޭން އެއްބަސްވެފައިވާ ތިން ރަށް ކަމަށް ބުނެއެވެ.

ސިވިލް ކޯޓުގެ އިސްގާޒީ އަބްދުالله އަލީ ނެރުނު އަމުރުގައި ބުނެފައި ވަނީ, އެ ކުންފުންޏަށް އެ ތިން ރަށް ދޭން ސަރުކާރުން އެ ކުންފުންޏާ އެކު މަޝްވަރާ ކޮށްފައިވާ އިރު، އެ މައްސަލައިގައި ގޮތެއް ނިމެންދެން އެހެން ފަރާތަކަށް އެ ތިން ރަށް ނުދެވޭނެ ފަދަ ފިޔަވަޅެއް ކޯޓުން އަޅަންޖެހޭ ކަމަށެވެ.

އެހެންކަމުން ށ. މެދުރަށާއި މައިރަށުގެ އިތުރުން ދިގުރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހެޅުން ފަސްކުރަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަންގާ ކަމަށް އަމުރުގައިވެއެވެ.

އެ ރަށްތައް ރިސޯޓު ލިސްޓުން އުނިކޮށްފައިވާ އިރު، ރިސޯޓު ހަދަން ހުޅުވާލާފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އަންނަ މަހު ފަހު ހަފުތާ ތެރޭގަ އެވެ.